16 Jul 2019, 09:23
މިހާރު ސިނަމާތަކުގައި އޮތް "ސުޕަ 30" ވެސް ލީކުކޮށްލައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު ސިނަމާތަކަށް ގެނައި އެ ފިލްމު ލީކުކޮށްލާފައި ވަނީ ފަހަކަށް އައިސް ފިލްތައް ލީކުކުރަމުން އަންނަ "ތަމިލްރޮކާޒް" ކިޔާ ބައެކެވެ.
ރިތިކް ރޯޝަން ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ރިލީޒްކުރިތާ ތިން ވަނަ ދުވަހު އެ ފިލްމަށް ވަނީ 50 ކުރޯޑުގެ އާމްދަނީއެއް ލިބުނު އިރު ކްރިޓީކް ތަރަން އާދަޝްކުރި ޓްވީޓެއްގައި ބުނީ ފިލްމުގެ ފެށުމަށް ރަނގަޅު އާމްދަނީއެއް ލިބުނު ކަމަށެވެ.
ފިލްމަށް އަންނަނީ ރަނގަޅު އާމްދަނީއެއް ލިބެމުންނެވެ. ނަމަވެސް ފިލްމު ލީކުކޮށްލުމާ ގުޅިގެން އެ ފިލްމުގެ ވިޔަފާރިއަށް ބުރޫ އަރާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ސުޕަ 30ގައި ރިތިކް ފެންނާނީ "މެތް ވިޒާޑް" އާނަންދް ކުމާރުގެ ރޯލުންނެވެ. މޮހިންޖަ ދާރޯގައި ވެސް ރިތިކް ވަނީ ޓީޗަރެއްގެ ރޯލު ކުޅެފަ އެވެ. އާނަންދް ކުމާރުގެ ބަޔޯ ޕިކް ސުޕަ 30 ޑައިރެކްޓް ކުރަނީ މުކޭޝް ޗާބްރާ އެވެ.
ގަވާއިދާ ޚިލާފަށް ފިލްމުތައް ލީކު ކުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފައިވީ ނަމަވެސް ފަހަކަށް އައިސް ރިލީޒްކުރާ ކޮންމެ ބޮލީވުޑް ފިލްމެއް އަންނަނީ ލީކު ކުރަމުންނެވެ.