ވައިގެ މަގުން ރާއްޖެ އެތެރެ ކުރި ގާތްގަނޑަކަށް ދެ ކިލޯގެ މަސްތުވާތަކެއްޗާއި ކެނަބިސް އޮށްތަކަކާ އެކު ދެ މީހަކު ކަސްޓަމްސް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކަސްޓަމްސްގެ އޮފިޝަލް ހުސެއިން ޝާޒް މިއަދު ވިދާޅުވީ މި މަހުގެ އަށް ވަނަ ދުވަހުގެ ރޭ ސްރީލަންކާގެ ކޮލަމްބޯ މަގުން ރާއްޖެ އައި އިސްމާއިލް ޝަފީގް، 43، އަހަރުގެ ފޮށިތަންމަތި ބަލައި ފާސްކުރި އިރު އޭނާ ގެނައި ދަގަނޑު މޫޓުގައި އާދަޔާ ޚިލާފު ކަންތައްތަކެއް ހުރެގެން އިތުރަށް ބެލި ކަމަށެވެ. އަދި އެ މޫޓްގެ ތެރޭ ރައްކާކޮށްފައި ހުރި ހޮޅިއެއްގެ ތެރޭގައި ޕޮލިތީން ކޮތަޅަކަށްލާފައި އޮތް މަސްތުވާތަކެއްތި ކަމަށް ޝައްކު ކުރެވޭ ފަސް ކުނޑި ޕެކެޓް ފެނިފައިވާ ކަމަށެވެ.

އެ އެއްޗެހީގެ ބަރުދަނުގައި ޕެކިނާ އެކު 1.8690 ކިލޯ ހުރި ކަމަށާއި އެ އެއްޗެހި ހެރޮއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ޝާޒް ވިދާޅުވި އެވެ.

ޝާޒް އަދި ވިދާޅުވީ މި މަހުގެ ހަތް ވަނަ ދުވަހު ޓްރެވިންޑްރަމް އިން ރާއްޖެ އައި އިބްރާހިމް ޝިފާއު 23،ގެ ފޮށިތަންމަތި ބަލައި ފާސްކުރި އިރު އޭނާގެނައި ދަބަހެއްގެ ތެރެއިން 27 ކެނަބިސް އޮށް ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ބަލައި ފާސްކުރިކުރުމުން ވޮލެޓްގެ ތެރެއިން 16 ކެނަބިސް އޮށް ފެނިފައިވާ ކަމަށް ޝާޒް ވިދާޅުވި އެވެ.

އެ ދެ މީހުން ވެސް މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށް ޝާޒް ވިދާޅުވި އެވެ. ޝާޒް ވިދާޅުވީ އެ ދެ މީހުން ވެސް ރާއްޖެ އިން ބޭރަށް ގޮސްފައި ވަނީ ބޭސްފަރުވާއަށް ކަމަށް ބުނެ ކަމަށެވެ. ނަމަވެސް އެކަމުގެ މާ ބޮޑު ހެއްކެއް ނެތް ކަމަށް ވެސް ޝާޒް ވިދާޅުވި އެވެ.