16 Jul 2019, 01:07
ގއ. ކަނޑުހުޅުދޫ ކައުންސިލަށް އާންމުދަނީ ހޯދޭނެ ގޮތަކާމެދު ރައީސް ސޯލިހާއި އެ ކައުންސިލްގެ މެމްބަރުން މަޝްވަރާ ކުރައްވައިފި އެވެ.
މި މަޝްވަރާތައް ކުރެއްވީ މިއަދު ރައީސް އޮފީހުގައި ރައީސް ސޯލިހާއި ކަނޑުހުޅުދޫ ކައުންސިލަރުންނާއެކު ބޭއްވި ބައްދަލުވުމުގައި އެވެ.
މި ބައްދަލުވުމުގައި އެރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާބެހޭ މައުލޫމާތު ހޯއްދަވައި މަޝްވަރާ ކުރައްވާފައިވެއެވެ.
ކަނޑުހުޅުދޫ ކައުންސިލަރުން ވަނީ އެރަށަށް މިހާރު އެންމެ މުހިންމު މަޝްރޫއުތަކާބެހޭ މައުލޫމާތު ރައީސް ސޯލިހާ ހިއްސާކުރައްވާފައެވެ. އެގޮތުން އެރަށުގެ ބަނދަރުގެ މަޝްރޫއާ، ކައުންސިލަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ހޯދުމާއި، ރަށުގެ ދަތުރުދާ ސަރަހައްދަށްދާން އޮންނަ މަގު ތަރައްޤީކުރުން ހިމެނެއެވެ.
މީގެ އިތުރުން ރަށުގެ ސިއްހީ މަރުކަޒަށް ދިމާވެފައިވާ ދަތިތަކާއި، ކުޅިވަރު ކުޅޭ ދަނޑު ތަރައްޤީކުރުމުގެ މުހިންމުކަންވެސް ކަނޑުހުޅުދޫ ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

ކަނޑުހުޅުދޫ ކައުންސިލް މެމްބަރުންނާ ރައީސް ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި ކަނޑުހުޅުދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މައުލޫމާތުތައް ކައުންސިލަރުންނާ ހިއްސާކުރެއްވިއެވެ. އަދި، ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ހައްލު ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީން ކަން ރައީސް އެރުވި އެވެ.
މިއަހަރުގެ ބަޖެޓްގައި ކަނޑުހުޅުދޫއަށް ކަނޑައަޅާފައިވާ މަޝްރޫއުތައް:
ކަނޑުހުޅުދޫ ފުޓުސަލު ދަނޑު ޤާއިމުކުރުން - 800،000 ރުފިޔާ
- ކަނޑުހުޅުދޫ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުން - 5،927،718 ރުފިޔާ
ފަސްސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ކަނޑުހުޅުދޫއަށް މުޅި ޖުމްލަ ކަނޑައެޅި ބަޖެޓްގެ ފައިސާގެ އަދަދަކީ 6.7 މިލިއަން ރުފިޔާ އެވެ.