30 Oct 2011, 14:07
ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަށް ވުމަށް ލިއޮނަލް މެސީ ބޭނުންނަމަ ޕެލޭ އަށް ވުރެ ގިނައިން ގޯލު ޖަހަން ޖެހޭނެ ކަމަށް އޭނާ ބުނެފި އެވެ.
މިހާރުގެ އެންމެ މޮޅު ކުޅުންތެރިޔާ މެސީ އާއި ދުނިޔޭގެ ތާރީހުގައި އުފެދުނު މޮޅު ކުޅުންތެރިއެއް ކަމަށްވާ ޕެލޭ އާއި ދެމެދު ފަހަކަށް އައިސް ބަހުގެ ހަމަލާތަކެއް ރައްދު ކުރެވެމުން ދެއެވެ. ބްރެޒިލްގެ ކުރީގެ ތަރި ޕެލޭ ކުޅޭ ތަން ނުފެންނަ ކަމަށް މެސީ ބުނުމުން، މެސީ އަށް ފިލާވަޅެއް ދަސްކޮށްދިނުމުގެ ގޮތުން ވީޑިއޯ ތަކެއް ފޮނުވުމަށް ޕެލޭ ނިންމައިފައި ވެއެވެ.
ބްރެޒިލް އަށާއި ސަންޓޯސް އަދި ނިއު ޔޯކް އަށް ކުޅެ ޕެލޭ ވަނީ ކެރިޔަރުގައި 1283 ލަނޑު ކާމިޔާބު ކޮށްފައެވެ. ނަމަވެސް މެސީ އަށް އާޖެންޓީނާ އަދި ބާސެލޯނާ އަށް ކެރިޔަރުގެ މިހާތަނަށް އައި އިރު ޖެހުނީ 180 ލަނޑެވެ.
"މީހުންގެ ދުލުން ޕެލޭ އަށް ވުރެ މެސީ މޮޅޭ ބުނާ އަޑު އަހަން ބޭނުންނަމަ 1283 ލަނޑު ޖަހަން އޭނާ އަށް ޖެހޭނެ." ޕެލޭ ބުންޏެވެ. ބްރެޒިލްގެ ސަންޓޯސް އަށް ކުޅެމުންދާ ނޭމާ އަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވެދާނެ ކަމަށް ޕެލޭ ގަބޫލު ކުރެއެވެ.
"ނޭމާ އަށް މޮޅު ހުނަރުތަކެއް ލިބިފައިވޭ. މެސީ އާއި އެއްގޮތަށް ނޭމާ ނިމިގެން ނުދާނެ ކަމަށް އަހަރެން އުންމީދު ކުރަން. މެސީ އަކީ ކުލަބަށް މޮޅު ކުޅުމެއް ދެއްކުން ނަމަވެސް ގައުމަށް ގިނަ ގޯލުތަކެއް ކާމިޔާބު ނުކުރެވޭ ކުޅުންތެރިއެއް." ޕެލޭ ބުންޏެވެ.
ޕެލޭ ގެ އަނގަ ބަންދުކޮށްލުވާ ޕެލޭ އެބުނާ ފަދަ މޮޅު ކުޅުންތެރިޔާ އަށް ވުމަށް މެސީ އަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައި ވެއެވެ. 2014 ވަނަ އަހަރު ބްރެޒިލްގައި ބާއްވާ ވޯލްޑް ކަޕުގައި މެސީ އަށް އާޖެންޓީނާ އަށް ކާމިޔާބީ އެއް ހޯދައިދީ ގިނަ ލަނޑުތަކެއް ކާމިޔާބު ކުރަން ޖެހެއެވެ.