އެއް އަހަރު ދުވަހުގެ މެދު ކެނޑުމަކަށް ފަހު ބްރެޒިލް ގައުމީ ޓީމުގެ ސްކޮޑަށް ރެއާލް މެޑްރިޑަށް ކުޅެމުންދާ ކަކާގެ ނަން ހިމަނައިފި އެވެ. ކަކާ ހިމަނާފައިވަނީ ގަބޯން އާއި އިޖިޕްޓް އާއި ދެކޮޅަށް ބްރެޒިލް ކުޅޭ އެކުވެރިކަމުގެ މެޗުތަކަށެވެ.
މިދިޔަ އަހަރު ސައުތު އެފްރިކާގައި އޮތް ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރުނުކޮށް، ހޮލެންޑް އަތުން 2-1 ލަނޑުން ބަލިވި މެޗަށް ފަހު، ބްރެޒިލް ގައުމީ ޓީމު ސްކޮޑުގައި ކަކާ ހިމެނިފައެއް ނުވެއެވެ. އަނިޔާއަށް ފަހު ރެއާލް މެޑްރިޑުގެ ސްކޮޑުން މިހާރު ފެންނަމުންދާ ކަކާ އަކީ ޓީމަށް ފައިދާ ކުޅުންތެރިއެއް ކަމަށް ބްރެޒިލް ގައުމީ ޓީމުގެ ކޯޗު މާނޯ މެނެޒޭސް ވެސް ބުންޏެވެ. މިއީ ބްރެޒިލްގެ ކޯޗު ކަމުގެ ދަށުގައި މެނެޒޭސް ކަކާ ހިމެނި ފުރަތަމަ ފަހަރެވެ.
"އަހަރެން އަބަދުވެސް ބުނިން ކަކާ ރަނގަޅު ފޯމެއްގައި ކުޅެމުންދާނަމަ އަލުން ސްކޮޑަށް ނަގާނަމޭ. އޭނާގެ މަސައްކަތުން އޭނާ އެކަން ކޮށްފި. މިއީ ކަކާ އަށް ލިބުނު ރަގަޅު ފުރުސަތެއް." މެނެޒޭސް ބުންޏެވެ.
ބްރެޒިލް ލީގަށް ކުޅެމުންދާ ކުޅުންތެރިން ކަމަށްވާ ރޮނާލްޑީނިއޯ، ނޭމާ އަދި ގަންސޯ ފަދަ ކުޅުންތެރިން ސްކޮޑުގައި ހިމަނާފައި ނުވަނީ، ބްރެޒިލް ލީގު ނިމުމާއި ގާތް ވެފައިވުމުން ކަމަށް މެނެޒޭސް ބުންޏެވެ. ގަބޯން އާއި ދެކޮޅަށް ބްރެޒިލް ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު ދިހަ ވަނަ ދުވަހު ލިބާވިލޭ ގައެވެ. އޭގެ ހަތަރު ދުވަސް ފަހުން އިޖިޕްޓާއި ދެކޮޅަށް ކުޅޭ މެޗު ކުރިއަށް ދާނީ ގަތަރުގެ ދޯހާ ގައެވެ.
ތިރީގައި އެވަނީ ގަބޯން އާއި އިޖިޕްޓާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ބްރެޒިލް ސްކޮޑުގައި ކޯޗު މެނެޒޭސް ހިމަނާފައިވާ ކުޅުންތެރިންގެ ލިސްޓެވެ.

ގޯލްކީޕަރުން:
ނެޓޯ – ފިއޮރެންޓީނާ
ޑިއެގޯ އަލްވޭސް – ވެލެންސިއާ

ޑިފެންޑަރުން:
ޑެނިއަލް އަލްވޭސް – ބާސެލޯނާ
ފަބިއޯ ޑަ ސިލްވާ – މެންޗެސްޓާ ޔުނައިޓެޑް
އެލެކްސް ސަންޑްރޯ – ޕޯޓޯ
މާސެލޯ – ރެއާލް މެޑްރިޑް
ތިއާގޯ ސިލްވާ – އޭސީ މިލާން
ޑޭވިޑް ލުއިޒް – ޗެލްސީ
ލުއިސާއޯ – ބެންފީކާ
އެޑްރިއާނޯ – ބާސެލޯނާ

މިޑްފީލްޑަރުން:
ލޫކަސް ލޭވާ – ލިވަޕޫލް
އެލިއަސް – ސްޕޯޓިންގް ލިސްބަން
ސަންޑްރޯ – ޓޮޓެންހަމް
ލުއިޒް ގުސްޓާވޯ – ބެޔާން މިއުނިކް
ހާނަނޭސް – ލާޒިއޯ
ބްރޫނޯ ސީސާ – ބެންފީކާ
ފެނާންޑީނިއޯ – ޝާޚްތަރް ޑޮނޭސްކް
ކަކާ – ރެއާލް މެޑްރިޑް
ޑުޑޫ – ޑައިނަމޯ ކިއެވް
ވިލިއަމް – ޝާޚްތަރް ޑޮނޭސްކް

ފޯވަޑުން:
ކްލެބާ – ޕޯޓޯ
ޖޯނަސް – ވެލެންސިއާ
ހަލްކް - ޕޯޓޯ