ފްރާންސް ގެ ޕެރިސް ސެއިން ޖާމެން (ޕީއެސްޖީ) އިން އިނގިރޭސި މިޑްފީލްޑަރު ޑޭވިޑް ބެކަމް ހޯދުމަށް މަސައްކަތް ކުރަނީ ވިޔާފާރި ރަނގަޅުކޮށް ޖާޒީ ވިއްކުމަށް ކަމަށް ފްރާންސް ގައުމީ ޓީމުގެ ކޯޗު ލޯރެންޓް ބްލޭންކް ވެސް ބުނެފި އެވެ.

ބެކަމް ހޯދުމަށް ޕީއެސްޖީ އިން ބުރަ މަސައްކަތެއް ކުރަމުން ދެއެވެ. ބެކަމް ހޯދަން ޕީއެސްޖީ އިން އުޅެނީ ފުޓުބޯޅަ ފެންވަރުގެ ބޭނުން ހިފުމުގެ ބޭނުން ނޫން ކަމަށާއި އެކުލަބުގެ ވިޔަފާރި ރަނގަޅު ކުރުމުގެ ބޭނުމުގައި ކަމަށް ޔޫއެފާގެ ރައީސް މިޝެލް ޕްލެޓިނީ ވިދާޅުވެފައި ވަނީ މިދިޔަ ހަފްތާ ކުރީކޮޅު އެވެ. ބްލޭންކް ވެސް މިހާރު މިވަނީ ޕްލެޓިނީ އާއި އެއްބަސްވެފަ އެވެ.

"ޕީއެސްޖީ އިން އެޑެން ހެޒާޑް ހޯދަން މަސައްކަތް ކުރުމަކީ ރަނގަޅު ނިންމުމެއް. އެހެން ނަމަވެސް ބެކަމް ހޯދަން އެއުޅެނީ ވިޔަފާރީގެ މަގްސަދެއްގައި ކަން ސާފުކޮށް ދޭހަވޭ. ކުޅިވަރުގެ މައިދާނުން ރިޓަޔާ ކުރުމުގެ އުމުރުގައި ބެކަމް އެއެޅެނީ. އެކަމަކު އޭނާ އަށް އަދިވެސް ޖާޒީ ވިއްކިދާނެ." ބްލޭންކް ބުންޏެވެ.

މިހާރު އެލްއޭ ގެލެކްސީ އަށް ކުޅެމުންދާ ބެކަމް އާއި އެކުލަބާއި ދެމެޗު ހަދާފައިވާ އެއްބަސްވުން އަންނަ މަހު ހަމަވާނެ އެވެ. ޕީއެސްޖީ ގެ އިތުރުން އިނގިރޭސި ވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާ އާއި ކުއީން ޕާކް ރޭންޖާސް (ކިޔުޕީއާރު) އިން ވެސް ބެކަމް ހޯދުމަށް މަސައްކަތް ކުރަމުން ދެއެވެ.