30 Oct 2011, 13:58
އިޓަލީގެ އޭސީ މިލާނާއި އެކު ކޮންޓްރެކްޓް އާކުރުމުގެ ހިޔާލެއް އަދި ނުގެންގުޅޭ ކަމަށް އެކުލަބުގެ ކޯޗު މަސިމިލިއާނޯ އަލެގްރީ ބުނެފި އެވެ.
އުމުރުން 44 އަހަރުގެ އަލެގްރީ ވަނީ މިދިޔަ ސީޒަނުގެ އިޓަލީ ލީގު ހަތް އަހަރަށް ފަހު އަނބުރާ ހޯދައި ދީފައެވެ. ނަމަވެސް މިސީޒަނުގެ ކުރީކޮޅު މިލާނަށް މާއެދެވޭ ކާމިޔާބީއެއް އަލެގްރީ ހޯދައި ދެވިއެއް ނުވެއެވެ. ލިއަނާޑޯ އަށް ފަހު މިލާނުގެ ކޯޗުކަމާއި 2010 ވަނަ އަހަރު ދެ އަހަރު ދުވަހުގެ މުއްދަތަކަށް މިލާނާއި ހަވާލުވި އަލެގްރީ ގެ ކޮންޓްރެކްޓް މިސީޒަން ނިމޭތަނުން ހަމަވާނެ އެވެ.
"އަހަރެން ކޮންޓްރެކްޓް އާކުރާނަމަ ޖޫން އަށް ފަހު އެކަން އެނގޭނެ. ކޮންޓްރެކްޓާއި ބެހޭގޮތުން ވާހަކަ ދައްކަން ބޭނުންވަނީ އަންނަ އަހަރު ޖޫން މަހު ކަމަށް މިލާނުގެ ނައިބު ރައީސް އެޑްރިއާނޯ ގަލިއާނީ ކައިރީވެސް ބުނެފައި ވާނީ." އޭސީ މިލާނުގެ ކޯޗް އަލެގްރީ ބުންޏެވެ.
އިޓަލީގެ ރިޕޯޓް ތަކުން ބުނާގޮތުގައި، އޭސީ މިލާނާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރުމަށް އަލެގްރީ އެއްބަސްވެފައިވެ އެވެ. މިރިޕޯޓް ތަކުން ހާމަކުރާ ގޮތުން ނަމަ، އަލެގްރީ ކޮންޓްރެކްޓް އާކުރީ މިހާރު ލިބޭ 1.5 މިލިޔަން ޔޫރޯ ދެ މިލަނަށް ބަދަލު ކުރުމަށް އެއްބަސްވުމަށް ފަހުއެވެ.