15 Jul 2019, 10:03
ސަރުކާރުން މަޖިލީހަށް ހުށަހަޅާ މަސްވެރިކަމުގެ ބިލުގައި ހިމެނުމަށް އެމްޑީޕީގެ ފަރާތުން ހުށަހަޅާ ކަންކަން ހިމެނޭ ގަރާރުތަކުގެ ބަހުސް އަޑުއެއްސެވުމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިއަދު މަޖިލީހަށް ވަޑައިގެންފި އެވެ.
މަސްވެރިކަމާ ގުޅޭ ފަސް ގަރާރެއް އެމްޑީޕީގެ ފަރާތުން މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން މިއަދު ހުށަހަޅާ ހަތަރު ގަރާރަކީ؛
1. ބޭރުގެ ބޯޓްފަހަރު ރާއްޖެ އައިސް ދިވެހި މަސްވެރިންގެ އަތުން މަސްގަތުމަށް ހުއްދަ ދިނުން ގޮވާލާ ގަރާރު - ދުވާފަރު ދާއިރާގެ މެންބަރު
2. ދިވެހި މަސްވެރިން މަސްވެރިކަން ކުރާ ހާއްސަ ސަރަހައްދެއް ނޫނީ، އޮފްޝޯ ޕްލެޓްފޯމެއް ގާއިމް ކުރުމާ ގުޅޭ ގަރާރު- މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު
3. އިންޑިއާ ކަނޑުގައި ބޮޑުދާ އެޅުން ހުއްޓުވަން ގޮވާލާ ގަރާރު- ކަނޑިތީމު ދާއިރާ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް
4. ބޭރުގެ މަސްބޯޓްތައް ރާއްޖޭގެ ސަރަހައްދުން މަސްވެރިކަން ކުރުން ހުއްޓުވަން ފިޔަވަޅު އެޅުމަށް ގޮވާލާ ގަރާރު- އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު
5. ރަށު ކައުންސިލާއި އަމިއްލަ ފަރާތްތައް ގުޅިގެން ގޭދޮށު މަސްފެކްޓްރީ ގާއިމް ކުރުމަށް ގޮވާލާ ގަރާރު- ތޮއްޑޫ ދާއިރާ މެންބަރު ހަސަން ޝިޔާން
އެ ގަރާރުތަކުގެ ބަހުސް ފެށުމުގެ ކުރިން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަސްވެރިކަމާ ގުޅޭ ގޮތުން އެމްޑީޕިއިން މަޖިލީހަށް ހުށަހަޅާފައިވާ ފަސް ގަރާރުގައި މުޅިން ވެސް ހިމެނޭނީ މަސްވެރިކަމުގެ ބިލަށް ހުށަހަޅާ އިސްލާހުތައް ކަމަށެވެ. އަދި އެ އިސްލާހުތަކަކީ، އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭންގެ ތެރޭގައި ވެފައިވާ ވައުދުތަކާ އެއްގޮތަށް ހުށަހަޅާ ކަންތައްތަކެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"މި ގަރާރުތަކަށް ބަހުސް ކުރެވޭ އިރު މި ބަހުސްތައް އަޑުއެއްސެވުމަށް މަޖިލީހަށް ވަޑައިގަތުމަށް އަޅުގަނޑުމެން ދައުވަތު އެރުވިން ފިޝަރީޒް މިނިސްޓަރަށް. އެކަމަނާ އެބަހުންނެވި ވަޑައިގެން ބަހުސް އަޑުއައްސަވަން. އެކަމަނާއަށް މިތަނަށް ވަނުމުގެ އިޒުނަ ވަނީ ލިބިފައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އަދި ވިދާޅުވީ ކުރިމަތީގައި އޮތީ ބޮޑު އީދުގެ ޗުއްޓީ ކަމަށް ވާތީ، މަސްވެރިކަމުގެ ގަރާރުތަކުގެ ބަހުސްތައް ނިންމާލުމަށް ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ރޭގަނޑު ބޭއްވުމަށް ވިސްނަވާ ކަމަށެވެ. އަދި އެކަމުގެ އިޒުނައަށް ވޯޓަށް އަހާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓަރު ޒަހާ މަޖިލިސް އަޑުއައްސަވަން ޗެމްބަރުގައި އިންނެވީ، ރައްޔިތުން މަޖިލީހަށް މިނިސްޓަރުނާއި އެހެންވެސް ވެރިން ހާޒިރުކޮށް ބައިތިއްބާ ބެންޗުގަ އެވެ.