15 Jul 2019, 09:38
ދިއްލީ (ޖުލައި 15): އިންޑިއާއިން ހަނދަށް ފޮނުވާ ދެވަނަ އުޅަނދު ލޯންޗު ކުރަން އެންމެ ގަޑި އިރަކަށް ވެފައި ވަނިކޮށް، އެއުޅަނދު ލޯންޗު ކުރުން ފަސްކޮށްފި އެވެ.
އިންޑިއާގެ ސްޕޭސް އެންޑް ރިސާޗް އޯގަނައިޒޭޝަންސް (އައިއެސްއާރުއޯ)އިން މީގެ ކުރިން ބުނި ގޮތުގައި ޗާނދުރަޔާން-2 ލޯންޗު ކުރަން ހަމަޖެހިފައި އޮތީ ރޭ 2:51ގަ އެވެ. ނަމަވެސް ޓެކްނިކަލް މައްސަލައެއް ފާހަގަ ކުރެވުމުގެ ސަބަބުން އައިއެސްއާރުއޯއިން ވަނީ ލޯންޗު ކެންސަލްކޮށްފަ އެވެ. އަދި އުޅަނދު ލޯންޗު ކުރާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށް ބުނެފަ އެވެ.
"އުޅަނދު ލޯންޗު ކުރުމުގެ އެއް ގަޑި އިރު ކުރިން ޓެކްނިކަލް މައްސަލައެއް ވަނީ ފާހަގަ ކުރެވިފަ. އަދި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ޗާނދުރަޔާން 2 ލޯންޗު ކުރުން މިއަދަށް ވަނީ ހުއްޓާލާފަ. އުޅަނދު ލޯންޗު ކުރާނެ ދުވަހެއް ފަހުން އިއުލާން ކުރާނަން،" އައިއެސްއާރުއޯގެ ޓުވީޓެއްގައިވެ އެވެ.
އިންޑިއާއިން އުއްމީދު ކުރަނީ ޗާނދުރަޔާން-2 ވާނީ ހަނދުގެ ސައުތު ޕޯލްގައި ޖައްސާނެ ފުރަތަމަ އުޅަނދަށް ވާނެ ކަމަށެވެ. އަދި އެއިން ހަނދުގައި ތަހުލީލުތައް ހަދައި، މައުލޫމާތާއި ފޮޓޯ ދުނިޔެއަށް ފޮނުވާނެ ކަމަށެވެ.
އިންޑިއާއިން ވަނީ މީގެ ކުރިންވެސް، ޗާނދުރަޔާން-1 ކިޔާ އުޅަނދެއް ހަނދަށް ފޮނުވާފަ އެވެ. ނަމަވެސް އޮކްޓޯބަރު 2008 އިން އޮގަސްޓު 2009 އަށް ކުރިއަށް ގެންދިޔަ އެމިޝަނުގައި އެއުޅަނދު ހަނދުގައި ޖައްސާފައި ނުވެ އެވެ. އަދި އޭގެ ބަދަލުގައި ހަނދުގެ ދިރާސާތައް ހެދީ ހަނދުގެ ވަށައިގެން ބުރު ޖަހަމުންނެވެ.
އިންޑިއާއިން ހަނދަށް އުޅަނދެއް ފޮނުވާ ދެވަނަ މިޝަނުގައި ގާތްގަނޑަކަށް 1،000 އިންޖިނިއަރުންނާއި ސައިންޓިސްޓުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިފަހަރު ފުރަތަމަ ފަހަރަށް އެފަދަ މިޝަނެއްގައި އަންހެނުން ވެސް ދަނީ އިސް ދައުރެއް އަދާ ކުރަމުންނެވެ. އެގޮތުން އެމިޝަންގައި ހިމެނޭ އަންހެން ޕްރޮގްރާމް ޑިރެކްޓަރު މުތަޔާ ވަނިިތާ އަދި މިޝަން ޑިރެކްޓަރު ރީތޫ ކަރިދާލް ހިމެނެ އެވެ.
އެމިޝަން ކާމިޔާބުވެއްޖެ ނަމަ އިންޑިއާ ވާނީ ހަނދުގައި އުޅަނދެއް ޖައްސާ ހަތަރު ވަނަ ގައުމަށެވެ. މީގެ ކުރިން އެމެރިކާ، ކުރީގެ ސޯވިއެޓް ޔޫނިއަން އަދި ޗައިނާގެ އުޅަނދުތައް ހަނދުގައި ޖައްސާފައިވެއެވެ.