15 Jul 2019, 09:13
ހުޅުމާލޭގައި ތަރައްގީ ކުރާ ރާއްޖޭގެ ފުރަތަމަ ވޯޓާ ތީމް ޕާކުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅަށް ނިންމާލެވޭނެ ކަމަށް ކޮންޓްރެކްޓަރު ޔަގީންކަން ދީފައިވާ ކަމަށް އެޗްޑީސީ އިން ބުނެފިއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު އިއްޔެ "ސަން"އަށް ވިދާޅުވީ ވޯޓާ ތީމް ޕާކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ޕާކުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅަށް ނިންމާލެވޭނެ ކަމަށް ކޮންޓްރެކްޓަރު ޔަގީންކަން ދީފައިވާ ކަމަށެވެ.
މެލޭޝިއާގެ މިރީ ހައުސިންގް ޑިވެލޮޕްމެންޓް ސެންދިރިއަން ބަރުހާދާ ހަވާލުކޮށްގެން އަޅާ ވޯޓާ ތީމް ޕާކުގެ މަސައްކަތް ފެށުމަށްފަހު ކުރިއަށް ނުގޮސް މަޑުޖެހިފައި އޮތެވެ. އަލުން މަސައްކަތް ފަށައިގަނެފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވަނީ 25 މިލިއަން ޑޮލަރަށެވެ.

ވޯޓާ ތީމް ޕާކުގެ މަސައްކަތް ކުރިއަށްދަނީ -- ސަން ފޮޓޯ
ޕާކުގެ މަަސައްކަތުގެ އެގްރިމެންޓްގައި އެޗްޑީސީ އާއި މެލޭޝިއާގެ ކުންފުންޏާއެކު ސޮއިކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. އޭރު އެޗްޑީސީ އިން ބުނީ 2018 ވަނަ އަހަރު ނިމުމުގެ ކުރިން ޕާކު ހުޅުވޭނެ ކަމަށެވެ.
ނަމަވެސް 2018 ވަނަ އަހަރުގެ މާޗު މަހު އޭރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު ސައިމަން ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޕާކުގެ މަސައްކަތް މަޑުޖެހިފައިއޮތީ ކުރިން ލަފާކޮށްފައި ނުވާ ގޮންޖެހުންތަކެއް ކުރިމަތިވެގެން ކަމަށެވެ.
މަސައްކަތް މަޑުޖެހުނީ އެ ޕާކު ތަރައްގީ ކުރާ ސަރަހައްދަކީ ކުރިން ހުޅުމާލޭގައި ސީ އެންޑް ޑީ ކުނި އެއްކުރާ ތަނަކަށްވެފައި، އެތަން ސާފު ކުރަން ޖެހުމުން ކަމަށް އޭރު ސައިމަން ވިދާޅުވި އެވެ.
ހުޅުމާލޭ ނިރޮޅު މަގުގައި، ޔޫތު ޕާކާ ޖެހިގެން ހަދާ ވޯޓާ ތީމް ޕާކުގައި ޑަކުދިންނަށާއި ބޮޑެތި މީހުންނަށް ވޯޓާ ސްލައިޑްސް، ކުޑަކުދިންގެ ޕޫލް، ބަމްޕަރ ބޯޓްސް، ވޯޓާ ހައުސް، ވޯޓާ ރޯލާޒް، ވޯޓާ ގައިރޯ، އަކުއާ ލޫޕްސް، ފައުންޓަން ސްކޮއާރ އަދި ފެން ކޯރުތައް ހުންނާނެ އެވެ.
މީގެ އިތުރުން، އެތަނާ އެކު އެސަރަހައްދުގައި ފުޑް އެންޑް ބެވެރޭޖް އައުޓްލެޓްތަކާއި ހޮޓަލެއްވެސް ތަރައްގީ ކުރާނެކަމަށް އެޗްޑީސީން ވަނީ މީގެ ކުރިން ބުނެފަ އެވެ.