30 Oct 2011, 13:58
އިންފުލޭޝަން އަކީ ނުރައްކާތެރި ކަމުގެ އިންޒާރެކެވެ. އެއީ ބާޒާރުގައި އާންމު ތަކެތީގެ އަގުތައް މައްޗަށް ދާދިއުމަށް އިގުތިސޯދީ މާހިރުން ދީފައިވާ ނަމެވެ. އިންފުލޭޝަން މިންގަނޑުން ނައްޓައިގެން ދިޔުމަކީ އާންމު ބާޒާރަށާއި ރައްޔިތުންނަށް ހުރި ބިރެކެވެ. ކަންމިހެން އޮތް އިރު ރާއްޖޭގެ އިންފުލޭޝަން ރޭޓު ހުރީ ކިހިނެތް ބާ އެވެ؟
ޑިޕާޓްމެންޓް އޮފް ނޭޝަނަލް ޕްލޭނިން އިން މަހަކު އެއް ފަހަރު އާންމު ކުރާ އިންފުލޭޝަންގެ ހިސާބުތައް، ]ކޮންޒިޔުމާ ޕްރައިޒް އިންޑެކްސް[ ދައްކާ ގޮތުން މިދިޔަ އަހަރާ އަޅާ ބަލާ އިރު މި އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް އިންފުލޭޝަންގެ ރޭޓު ހުރީ 12.79 ޕަސެންޓް މައްޗަށް ޖެހިފަ އެވެ. އެ މުއްދަތުގައި އާންމު ކާބޯތަކެތީގެ އަގުތައް ވަނީ 23 ޕަސެންޓަށް މައްޗަށް ޖެހިފަ އެވެ. އަދި މަހުގެ އަގުތައް ވަނީ 59 ޕަސެންޓަށް މައްޗަށް ގޮސްފަ އެވެ.
"މީގެ ކުރިން މަހުގެ ކުރީކޮޅު ވަރަށް ސޭލްސް ރަނގަޅު. އެކަމަކު މި މަހު ކުރީކޮޅު ރެއެއްގެ މައްޗަށް ބުނަންޏާ 3000ރ. ވެސް ނުޖެހޭ. މީހުން މިހާރު އެވަރަށް މި ކަހަލަ އެއްޗިއްސައް ހޭދައެއް ނުކުރޭ،" ގާމެންޓްސް ހަތަރު ފިހާރައިގެ އޯނަރަކު ބުންޏެވެ.
އިލާސްޓިކް ޑިމާންޑް، ނޫނީ އެކި ސަބަބުތަކާ ހުރެ ތަކެތި ގަންނަ ގޮތަށް ފަސޭހައިން ބަދަލު އަންނަ ފަދަ އެއްޗިހީގެ ޑިމާންޑަށް މި ވަނީ ފާހަގަ ކޮށްލެވޭ ބޮޑަތި ބަދަލުތަކެއް އަންނަން ފަށައިފަ އެވެ. އޭގެ ވަރަށް ރަނގަޅު އެހެން މިސާލެއް ފެންނަނީ އޮލިމްޕަހަށް ފިލްމު ބަލަން މީހުން ވަންނަ ތަފާސްހިސާބުތަކުންނެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން އެންމެ ވިޔަފާރި ރަނގަޅު، މަހުގެ ކުރީކޮޅު ފިލްމެއް އެޅުވިޔަސް މިހާރު ހައުސް ފުލްވާތަން އަންނަނީ މަދު ފަހަރަކު ކަމަށް އޮލިމްޕަހުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި އެވެ.
"މަހުގެ ފަހުކޮޅެއްގައި ވެއްޖިއްޔާ ދެ ބައިކޮށްފައި އެއްބައި ވެސް މިހާރު ނުފުރޭ. ކުރީ ކޮޅުގައި ވިޔަސް ހައުސް ފުލްވެސް ނުވޭ. އަސްލު މީހުން ބޭނުން ނުވަނީ މިހާރު 60ރ. މިކަހަލަ ކަންކަމަށް ހަރަދު ކުރަން،" އޮފިޝަލް ވިދާޅުވި އެވެ.
އިންފުލޭޝަން އަކީ އިގުތިސޯދުގެ އެންމެ ބޮޑު ހަތުރަށްވާ އިރު ވިޔަފާރި ވެރިންގެ ގައުމީ ޖަމްއިއްޔާގެ ހަޒާންދާރު އަހުމަދު އަދީބު މިއަދު ވިދާޅުވީ ވިޔަފާރިވެރިންނަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ތަކެތީގެ އަގުތަށް ބޮޑުވުން ކަމަށެވެ.
"އަޅުގަނޑުމެންނަށް މެދުނުކެނޑި ޝަކުވާތައް ކުރިމަތިވޭ. ހާއްސަކޮށް ކަރަންޓް އަދި ފެނުގެ އަގުތައް ވެސް މައްޗަށް ދިޔުމުން އެ ނުރައްކާ މި ވަނީ ވިޔަފާރިތަކަށް ބޮޑުވެފައި،" އަދީބު ވިދާޅުވި އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ބޮޑު ތަޅު އަޅުވާ ހިސާބަށް އިންފުލޭޝަންގެ ނުރައްކާ ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހައިޕާ އިންފުލޭޝަނަށް އިންޒާރުކުރެއްވި އެވެ.
"ޑިމާންޑަށް ބޮޑު ބަދަލެއް އައިސްފި. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ދެކޮޅު ނުޖެހިގެން ދަނީ. އޭގެ ގިނަ ވިޔަފާރިތައް ބަންދު ކުރަން ޖެހިފައި މިވަނީ. މި ހައިޕާ އިންފުލޭޝަން އަކަށް ދާނީ،" އަދީބު ވިދާޅުވި އެވެ.
ހައިޕާ އިންފުލޭޝަނަކީ އެތެއް ވަޅަކަށް ވެއްޓޭ އުސޫލުން މުޅި އިގުތިސޯދު އަނދަވަޅަކަށް ވެއްޓުމެވެ. އޭގެ އަސަރަކީ ދިގު ދެމިގެންދާނެ ނުބައި އަސަރެކެވެ. ވިޔަފާރީގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ އަދީބުގެ ނަޒަރުގައި ފައިސާގެ އަގު ވެއްޓި އިންވެސްޓަރުންގެ އިތުބާރު މުޅިން ގެއްލިގެންދާނެ އެވެ.
"ކޮންމެ ދުވަހެއްގައި އިންފުލޭޝަން މައްޗަށް ދަންޏާ މިދަނީ ފައިސާގެ އަގު ވެއްޓެމުން. އޭގެ ސަބަބުން ބޭންކްތަކުގައި ފައިސާ ބަހައްޓަން ގިނަ މީހުން ބޭނުމެއް ނުވޭ. އެއީ ވިޔަފާރިވެރިން އަބަދުވެސް ފައިދާއަށް ވިސްނާނީ. އެހެންވެ އެމީހުން ބަލާނީ ފައިސާ ކޮޅު ބޭރުގައި ކޮންމެވެސް ކަމަކަށް އިންވެސްޓް ކުރަން." އަދީބު ވިދާޅުވި އެވެ.