ރާއްޖޭގެ ބަންޑާރަ ނައިބު ކަމާ، އިބްރާހިމް ރިފްއަތު ހަވާލުވެވަޑައިގެންނެވި ފަހުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ މުއައްސަސާތަކަށް 502 ކަމަކާ ގުޅޭ ގާނޫނީ ލަފާ އަރުވާފައި ވާކަމަށް އެ އޮފީހުން ހާމަކޮށްފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު އާންމު ކުރި ގާނޫނީ ލަފާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އެއްބަސްވުންތަކާ ގުޅޭގޮތުން 170 ލަފައެއް އޭޖީ ވަނީ ދެއްވައިފަ އެވެ.

ގަވާއިދުތަކާ ގުޅިގެން 67 ލަފައެއް އަރުވާފައި ވާއިރު، އުސޫލުތަކާ ގުޅޭގޮތުން އަރުވާފައި ވަނީ 35 ލަފައެކެވެ.

މި މުއްދަތުގައި ބިލު ތަސްދީގު ކުރުމާ ގުޅޭ ގޮތުން 16 ލަފައެއް އެރުވި އިރު މުއާހަދާ ތަކާ ގުޅޭ ފަސް ލަފައެއް ވެސް އޭޖީ އޮފީހުން ވަނީ އަރުވައިފަ އެވެ. އަދި އެހެނިހެން ކަންތައްތަކާ ގުޅިގެން 209 ލަފައެއް އެ އޮފީހުން ވަނީ ދީފަ އެވެ.

ބަންޑާރަ ނައިބުކަމުގެ ހުވާ ރިފްއަތު ކުރައްވައިފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.