14 Jul 2019, 22:45
ޓެލްއަވީވް (ޖުލައި 14) : ހިޒްބުﷲ އިން އިސްރާއީލަށް އިސްވެ ހަމަލާދީފިނަމަ އެޖަމާއަތަށާ އަދި މުޅި ލުބްނާނަށް ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްވައިފިއެވެ.
ނަތަންޔާހޫ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޒްބުﷲ އިން އިސްރާއީލަށް އިސްވެ ހަމަލާދީފިނަމަ އެއީ އެޖަމާއަތުން މިހާތަނަށް ހަދާނެއެންމެ ބޮޑު ގޯސްކަމަށާ އެކަމުގެ ނަތީޖާ ހީކުރާވަރަށްވުރެ ހިތިވާނެކަމުގައެވެ. ހިޒްބުﷲ އިން އެތަށް އަހަރަކުން ހަނގުރާމައަށް ވެފައިވާ ތައްޔާރީތައް އިސްރާއީލުން ހަލާކުކޮށްލާނީ އެންމެ ދުވަހަކުން ކަމަށްވެސް ނަތަންޔާހޫ ވިދާޅުވިއެވެ.
ނަތަންޔަހޫ މިހެން ވިދާޅުވެ ޓްވީޓް ކުރެއްވީ އެމެރިކާއިން އީރާނަށް އިސްވެ ހަމަލާދީ އުދުވާން ހިންގައިފިނަމަ މުޅި މެދުއިރުމަތި އަނދައިގެންދާނެކަމަށް އީރާނަށް ހަމަލާދިނުމުގައި އިސްރާއީލު ބައިވެރިވެއްޖެނަމަ އެއަލިފާނުގައި އިސްރާއީލުވެސް އަނދައިގެންދާނެ ކަމުގެ އިންޒާރު ހިޒްބުﷲ ގެ ވެރިޔާ އައްޝައިޚް ހަސަން ނަސްރުﷲ ދެއްވުމާ ގުޅިގެންނެވެ.
ލުބްނާނުގެ އަލްމަނާރު ޓީވީ އަށް ހޮނިހިރު ދުވަހު ދެއްވި ބަސްދީގަތުމުގައި ނަސްރުﷲ ވިދާޅުވީ އެމެރިކާ މިހާތަނަށްވެސް އީރާނަށް ހަމަލާނުދީ އޮތީ އީރާނަށް ހަމަލާދީފިނަމަ ސަރަހައްދުގައިޥާ އެމެރިކާގެ އަމާޒުތަކަށާއި މަސްލަހަތުތަކަށް ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ތިންވަނަ ގައުމެއް މެދުވެރިކޮށް އެމެރިކާއަށް ދިނުމާ ގުޅިގެން ކަމުގައެވެ.
ނަސްރުﷲ ވިދާޅުވީ އެމެރިކާ އީރާނަށް ހަމަލާދީ އުދުވާން ހިންގައިފިނަމަ އެކަމުގައި އެމެރިކާއަށް އެއްބާރުލުންދޭ ކޮންމެ ގައުމަކަށް އީރާނުން ހަމަލާދޭނެކަމަށާ އިސްރާއީލަކީ އީރާނަށް ހަމަލާދިނުމަށް ކެތްމަދުވެފައިޥާ އިސްތިއްމާރީ ބާރެއްކަމުން އެމެރިކާ އީޜާނަށް ހަމަލާދީފިނަމަ އެކަމުގައި ބައިވެރިނުވެ އޮންނަ އިސްރާއީލަށް އުނދަނގޫވާނެ ކަމުގައެވެ.
ނަމަވެސް އީޜާނަށް ހަމަލާދީފައި ސަލާމަތުން އިސްރާއީލަށް ނޯވެވޭނެ ކަމަށާ އީރާނަށް ހަމަލާ ނުދެވޭނެ އެންމެ ތަނެއްވެސް ނުހުންނާނެކަން އިސްރާއީލުގެ ހަރުކަށިވެރިން ދަންނަންޖެހޭނެ ކަމަށް ނަސްރުﷲ ވިދާޅުވިއެވެ. އަދި އިސްރާއީލުން އުދުވާނުގައި ބައިވެރިވެއްޖެނަމަ އިސްރާއީލުގެ އެންމެ ފުންމިނަށް ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ގާބިލްކަން އީރާންގެ ކިބާގައި އެބަހުރިކަމަށްވެސް ނަސްރުﷲ ވިދާޅުވިއެވެ.
"އެމެރިކާއިން ހަނގުޜާމައިގެ ހުޅުގަނޑު ރޯކޮށްފިނަމަ އޭގައި އެމެރިކާގެ ބައިވެރިން ކަމަށްވާ އިސްރާއިލާއި ސައޫދީ އަރަބިޔާ ބައިވެރިވާނެ ކަމަށާ އެފަދަ ހާލަތެއްގައި އުފެދޭ އަލިފާންގަނޑުން އެދެގައުމު ސަލާމަތް ނުޥާނެ" ކަމަށް ނަސްރުﷲ ވިދާޅުވިއެވެ. އެމެރިކާއިން ގަލްފަށް ސިފައިންނާއި ހަތިޔާރު ޖަމާކޮށް އީރާނަށް ބިރުދައްކައި އިންޒާރުތައް ދެމުން ގެންދިޔަނަމަވެސް އީރާނަށް އިސްވެ ހަމަލާދީ އުދުވާން އެމެރިކާއާށް އަދި ކެރިފައެއްނުވެއެވެ.
ފަލަސްތީނުގެ ބިންތަކަށް އިސްތިއްމާރީ އުސޫލުން ގަދަބާރުން ވެރިވެގަނެގެން އުޅޭ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ އެމެރިކާ އިން އީރާނަށް ހަމަލާ ދިނުމަށް ތާއިދުކުރާ ހަރުކަށި ވިސްނުމުގެ ބޭފުޅެކެވެ. ނަތަންޔާހޫ ވަނީ އިސްރާއީލުގެ ހަނގުރާމަ މަތީ ޖެޓްތައް ވަނީ އީރާނަށް ހަމަލާ ދެވޭ ފަދަ ހާލަތެއްގައި ކަމަށް ދާދި ފަހުން ވިދާޅުވެ އީރާނަށް އިންޒާރެއް ދެއްވާފައެވެ.
އިސްރާއީލުން ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާ ދެކޮޅަށް ކުރި އެއްވެސް ހަނގުރާމައެއްގައި އިސްރާއީލަށް ކާމިޔާބު ލިބިފައެއް ނުވެއެވެ. ފަލަސްތީނުގެ ހަމާސް ޖަމާއަތް ވުޖޫދުން ފުހެލާނެކަމުގެ އިންޒާރާއެކު ތިން ފަހަރު އިސްރާއީލުން ހަމާސް އާ ދެކޮޅަށް ހަނގުރާމަ ފަށާފައިވާއިރު މިއިން ކޮންމެ ފަހަރަކުވެސް ހަނގުރާމަ ހުއްޓާލާފައިވަނީ ހަމާސް ބަލިކޮށްލެވިގެނެއް ނޫނެވެ.
ހިޒްބުﷲ ނައްތާލާނެކަމުގެ އިންޒާެރު އިސްރާއީލުން ދިން އަދަދެއް ނޭންގޭއިރު 2005 ގައި ހިބްޒުﷲ އާ ދެކޮޅަށް އިސްރާއީލު ފެށި ހަނގުރާމައިންވެސް ހިޒްބުﷲ އަށް މާބޮޑު ގެއްލުންތަކެއް ނުދެވުނެވެ. ނަމަވެސް ލުބްނާނުގެ ބޮޑު ބައެއް ވަނީ އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި ހަލާކުވެފައެވެ. އެ ހަނގުރާމައިގާ ހިޒްބުﷲ ގެ ރޮކެޓް ހަމަލާތަކާއި މިސައިލް ހަމަލާތައް އިސްރާއީލުގެ އެންމެ ފުނުގައިވާ ސަރަހައްދުތަކަށްވެސް އަރާފައިވެއެވެ.
އަދި ނަވާރަސަތޭކަ އައްޑިހައިގެ އަހަރުތަކުގައި އިސްރާއީލުން ލުބްނާނުގެ ދެކުނުގެ ބޮޑު ސަރަހައްދެއް ހިފައިގެން އޮތް އޮތުން ނިމުމަކަށް އައިސް އެސަރަހައްދުން އިސްރާއީލު ފޭބީ ހިޒްބުﷲ އިން އިސްރާއީލާ ދެކޮޅަށް ކުރި ވަރުގަދަ ޖިހާދުގައި އިސްރާއިލުގެ އެތަށް ސަތޭކަ ސިފައިންނެއް މަރާލުމާ ގުޅިގެންނެވެ.
އެމެރިކާއަކީ ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ބާރު ކަމަށްވިޔަސް ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެމެރިކާކުރި ގިނަ ހަނގުރާމަތަކުގައި އެމެރިކާވަނީ ބަލިވެފައެވެ. މީގެތެރޭގައި ވިއެޓްނާމް ހަނގުރާމައާއި އަފްޣާނިސްތާނުގެ ހަނގުރާމަފަދަ ހަނގުރާމަތައް ހިމެނެއެވެ. ތާލިބާނުންނާ 19 އަހަރު ހަނގުރާމަ ކުރުމަށްފަހު ތާލިބާނުން ބަލި ނުކުރެވުމުން އެމެރިކާ މިހާރުވަނީ ތާލިބާނުންނާ ސުލްހައިގެ ވާހަކަތައް ދައްކަން ފަށާފައެވެ.
ނަވާރަސަތޭކަ ނުވަދިހަ ދެވަނަ އަހަރު އެމެރިކާ ސިފައިން ސޮމާލިއާއަށް އަރައި ކުރި ހަނގުރާމައިގާވެސް ސޮމާލިޔާގެ ހަނގުރާމަވެރިން އެމެރިކާ ސިފައިން ގެ އެތަށް ބަޔަކު އަސީރުކުރުމަށްފަހު އެމީހުންގެ އަތްފައިބަނދެ ވެރިރަށް މުގަދީޝޫގެ މަގުތަކުގައި ގަންހިންގުމުން އެމެރިކާ ސިފައިންވަނީ އަވަސް އަވަހަށް ސޮމާލިއާއިން ފައިބާފައެވެ.
ސޫރިޔާގެ ޖަމާއަތްތަކަށް ހަތިޔާރު ދީގެން ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދު ވައްޓާލުމަށް އެމެރިކާ ކުރި ހަނގުރާމަވެސް ކާމިޔާބު ކުރެވިފައިނުވާކަމާއި ސޫރިޔާގެ ހަނގުރާމައަށް އެތަށް ސަތޭކަ ބިލިޔަން ޑޮލަރު ޚަރަދުކުރިނަމަވެސް ސޫރިޔާގައި އެމެރިކާ ހާސިލް ކުރަން ބޭނުންވާ މަގްސަދުތައް ހާސިލް ވެފައިނުވާކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔައަހަރުވަނީ އެއްބަސްވެވަޑައިގެންފައެވެ. (ނޫސްއެޖެންސީތައް)