ސްޕެނިޝް ލަލީގާގައި ރޭ ލިއޮނަލް މެސީ ހެޓްރިކަކާ އެކު ބާސެލޯނާ އަށް ފަސޭހަ މޮޅެއް ލިބުން އިރު، ހަނި މޮޅަކާ އެކު ރެއާލް މެޑްރިޑް ލީގު އެއްވަނަ އަށް އަރައިފި އެވެ.

މަލޯކާ އާއި ދެކޮޅަށް ބާސާ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ތޭރަ ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ މެސީ އެވެ. 21 ވަނަ މިނެޓުގައި އިތުރު ލަނޑެއް މެސީ ޖެހިއިރު، އޭގެ ނުވަ މިނެޓް ފަހުން މެސީ ވަނީ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ މެސީގެ ހެޓްރިކާއެކު، 3-0 ލަނޑުން ބާސާ ކުރީގައި އޮވެގެންނެވެ.

މެޗުގެ 50 ވަނަ މިނެޓުގައި ބާސާގެ ފޯވާޑް ލައިނުން އަލަށް ފެނުނު އިސާކް ކުއެންކާ ބާސާގެ ހަތަރުވަނަ ލަނޑު ޖެހިއިރު، މެޗުގެ އިތުރު ވަގުތުގައި ޑަނީ އަލްވޭސް ވަނީ ފަސް ވަނަ ލަނޑެއް ކާމިޔާބު ކޮށްފަ އެވެ. މިމެޗު ނިމިގެންދަޔައީ 5-0 ލަނޑުން ބާސާ ކުރީގައި އޮވެގެންނެވެ.

މޮޅު ކުޅުމަކަށް ފަހު ރެއާލް މެޑްރިޑް ވަނީ ހަނި ތަފާތަކުން ރެއާލް ސޮސިއެޑާޑް މައްޗަށް ކުރި ހޯދާފަ އެވެ. ރެއާލް އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ ނުވަ ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ގޮންޒާލޯ ހިގުއައިން އެވެ. މިމެޗު ނިމިގެންދިޔައީ 1-0 ލަނޑުން ރެއާލް ކުރީގައި އެވެގެންނެވެ.

ގެޓަފޭ އަތުން ވެލެންސިއާ މޮޅުވީ 3-1 ލަނޑުންނެވެ. މެޗުގެ ބާރަ ވަނަ މިނެޓުގައި ސޯފިއާން ފެގޫލީ ވެލެންސިއާ ލީޑު ހޯދައިދިންތާ ދިހަ މިނެޓް ފަހުން ޑިއޭގޯ ކާސްޓްރޯ ގިމެނޭޒް ގެޓަފޭ އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. މެޗުގެ 25 ވަނަ މިނެޓުގައި ސޯފިއާން ފެގޫލީ ވަނީ އިތުރު ލަނޑެއް ވެލެންސިއާ އަށް ކާމިޔާބު ކޮށްދީ އަލުން ލީޑު ހޯދައިދީފަ އެވެ. މެޗުގެ 76 ވަނަ މިނެޓުގައި އަރިޓްޒް އަޑުރިޒް ވަނީ ވެލެންސިއާ ލީޑު ފުޅާކޮށްދީފަ އެވެ. މިމެޗު ނިމިގެންދިޔައީ 3-1 ލަނޑުން ވެލެންސިއާ ކުރީގައި އޮވެގެންނެވެ.

ރަޔޯ ވަލެކާނޯ އަތުން ވިލަރެއާލް މޮޅުވީ 2-0 ލަނޑުންނެވެ. ވިލަރެއާލް އަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ ބްރޫނޯ އާއި ބޯޖާ ވަލެރޯ އެވެ. މިމެޗުގެ 38 ވަނަ މިނެޓުގައި ވިލަރެއާލް އަށް ލިބުނު ޕެނަލްޓީއެއް މާކޮސް ސެނާ އަތުން ވަނީ ނާކާމިޔާބު ވެފައެވެ.

ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލް އަށް ބަލައިލާއިރު، 25 ޕޮއިންޓާއެކު އެއްވަނާގައި އޮތީ ރެއާލް މެޑްރިޑް އެވެ. 24 ޕޮއިންޓާއެކު ދެވަނާގައި ބާސާ އޮތްއިރު، 23 ޕޮއިންޓާއެކު ތިންވަނާގައި އޮތީ ލަވެންޓޭ އެވެ. ހަތަރުވަނާގައި އޮތް ވެލެންސިއާ އަށް ލިބިފައިވަނީ 21 ޕޮއިންޓެވެ.