14 Jul 2019, 16:42
ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައި ދަފްތަރު ނަންބަރު 2997، ޝައިމް އަބްދުﷲ، ގެއްލުނު މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކުރިއަށްގެންދާ ތަހުގީގުގެ ރިޕޯޓެއް އެ ކޮމިޝަނުން މަޖިލީހާ ހިއްސާކޮށްފި އެވެ.
އެޗްއާރްސީއެމް އިން މިއަދު މަޖިލީހުގެ އިދާރާއަށް ފޮނުވާފައި ވަނީ އެ މައްސަލާގައި އެ ކޮމިޝަނުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި މައްސަލާގައި ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
ޝައިމް ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ މިިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. އަދި އޭރު އޭނާ ހުރީ ބަލާނެ މީހަކު ނުވެގެން ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގަ އެވެ.
ފުލުހުން ޝައިމް ހޯދާފަައި ވަނީ ޖުލައި އެއް ވަނަ ދުވަހު ބުރުޒުމަގު މާފަންނު ކޮޅުގައި ހުރި ގެއެއްގެ ތެރެއިން އެވެ. އަދި ޝައިމް ފިލައިގެން ދިޔުމުން ފޮރުވައިގެން ގެންގުޅު ކަމުގެ ތުހުމަތުގައި 46 އަހަރުގެ އަންހެނަކާއި 23 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އެ މައްސަލާގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އާ ސުވާލުކުރުމަށް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރާނެ އެވެ.