އެމްއެމްޕީއާރުސީގެ 30 ރަށާއި ފަޅެއް ދޫކޮށްފައި ވަނީ 10 ވަރަކަށް ފަރާތަކަށް ކަމަށް ފުލުހުން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހާމަކޮށްފި އެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މަރަދޫ ދާއިރާގެ މެންބަރު، އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒު ވިދާޅުވީ 57 ރަށާއި ފަޅެއް މިހާރު ހުރި ސްޓޭޓަސް ސީދާ ނޭނގުނު ނަމަވެސް ރިޔާސީ ކޮމިޝަނާއި އޭސީސީގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އެ ތަންތަނުގެ ބޮޑު ބައެއް ދޫކޮށްފައި ވަނީ 10 ވަރަކަށް ފަރާތަށެވެ.

"މިހާރު 57 ޕްލޮޓް އަޅުގަނޑުމެން މި ކިޔާ ގޮތުން ވެއްޖިޔާ [އެމްއެމްޕީއާރުސީ އިން ދޫކޮށްފައި ވަނީ]. ސީދާ ސްޕެސިފައި ކޮށް [އެ ތަންތަން ހުރީ] މިވެނި ސްޓޭޓަސްއެއްގައި ކަން ނުނީ މިވެނި ފަރާތެއްގެ ކަން ދަންނަވަން ދަތި. ނަމަވެސް ރިޔާސީ ކޮމިޝަނާއި އޭސީސީއާ ކުރި މަސައްކަތުގެ ތެރެއިން ހިއްސާ ކުރެވިފައި ހުރި މައުލޫމާތާއި ލިޔެކިޔުންތަކަށް ބަލާއިރު، އަޅުގަނޑަށް އަންދާޒާޒާކޮށް ދަންނަވަލަން ކެރޭ މީގެ ތެރެއިން ގާތްގަނޑަކަށް 30 އަށް ވުރެ [ނުވަތަ] 30 އާ ގާތް ކުރާ އަދަދަކަށް ރަށްތައް ހުންނާނީ ގާތްގަނޑަކަށް 10 އަށް ވުރެ މަދު އަދަދެއްގެ ފަރާތްތަކުގެ ބެލުމުގެ ދަށުގައި މިހާރު،" ރިޔާޒު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީއިން ވަނީ، 49 އެއްބަސްވުމެއްގެ ދަށުން 57 ތަނެއް ކުއްޔަށް ދީފަ އެވެ. އެއީ 15 ފަޅަކާއި 42 ރަށެކެވެ.

އެމްއެމްޕީއާރުސީން ރަށްތައް ވިއްކުމުގައި ބޮޑު ހިޔާނާތުގެ މައްސަލަ ފުލުހުން އަންނަނީ އަދިވެސް ތަހުގީގު ކުރަމުންނެވެ.

ކޮމިޓީގައި ވިލުފުށީ ދާއިރާ މެމްބަރު ހަސްނަ އަފީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރިޔާޒު ވިދާޅުވީ، ހަ ރަށެއްގެ ފައިސާ އެމްއެމްޕީއާރުސީން ނެގުމަށްފަހު، ލިޔެކިޔުމުން އެ ފައިސާ ލިބުނުކަމަށް ފެންނާކަށް ނެތް ކަމަށެވެ.

"[އެމްއެމްޕީއާރުސީ] ތަހުގީގު ފަށައިގެން އައި އިރު ހަ ރަށަކަށް އިކުޒިޝަން ކޮސްޓް ނެގުމަށްފަހު ލިޔެކިޔުންތަކުގައި ސޮއިނުކޮށް ހުރިކަން ފާހަގަ ކުރެވުނު،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ، އެކަން އޭރު ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައި ކަމަށެވެ. އެއީ ކޮން ހަ ރަށެއް ކަމެއް ރިޔާޒު ވިދާޅެއް ނުވެއެވެ.

އޭނާ ވިދާޅުވީ، ބައެއް ރަށްތަކަށް ފައިސާ ދެއްކި ކަމަށް ހަދާފައި ފައިސާ ދައްކާފާ ނުވާ ކަމަށް ވެސް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެެވެ. ނަމަވެސް އެއީ ކިތައް ރަށް ކަމެއް ރިޔާޒު ވިދާޅެއް ނުވެ އެވެ. އޭނާ އަދި ވިދާޅުވީ 1.2 ބިލިއަން ރުފިޔާގެ ތެރެއިން އެއްވެސް ފައިސާއެއް މިހާތަނަށް ދައުލަތަށް ހޯދިފައި އޮތް ކަމަށް ފުލުހުންނަށް އެނގިފައި ނެތް ކަމަށެވެ.

މިދިޔަ ހަފްތާގައި އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު މާލިއްޔަތު ކޮމިޓީގައި ވިދާޅުވި، ހަތް ރަށަށް ފައިސާ ދެއްކި ކަމަށް ބުނެ ލިޔެކިޔުމުން ފެންނަން އޮތް ކަމުގައިވިޔަސް، މިހާތަނަށް އެ ހަތް ރަށުގެ ފައިސާ ދައުލަތަށް އެއްވެސް ގޮތަކަށް ނުލިބޭ ކަމަށެވެ. އެއީ ކޮން ހަތް ރަށެއް ކަމެއް މުއައްވިޒު ވެސް ވިދާޅެއް ނުވެއެވެ.

މިއަދު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ މަޖިލިސް

މިއަދު ކޮމިޓީގައި މެމްބަރުން ކުރި ގިނަ ސުވާލުތަކަށް ފުލުހުން ޖަވާބެއް ނުދެއްވަ އެވެ. ތަހުގީގަށް ހުރަސް އެޅިދާނެތީ ބައެއް ސުވާލުތަކުގެ ޖަވާބު ދެވޭނީ ސިއްރު ކޮމިޓީއެއްގައި ކަަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެމްއެމްޕީއާރުސީގެ މުޅި ތަހުގީގަށް 25 ޓެރަބައިޓްގެ ޑޭޓާތައް ފުލުހުން ރިވިއު ކުރަމުންދާ ކަމަށް ރިޔާޒު ވިދާޅުވި އެވެ. ވަރަށް ގިނަ ފަރާތެއްގެ މަސްލަތަހަތު ހިމެނޭ ކަމަކަށްވެފައި، ވަރަށް "ކަވި ދިގު މަސައްކަތަކަށް ވުމުން" މުޅި ތަހުގުގީ ނިންމޭނީ ކޮންއިރަކު ކަމެއް ދަންނަވަން ދަތި ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

"އުންމީދަކީ ލަސް ނުކޮށް ވީހާވެސް އަވަހަކަށް މި މައްސަލައިގެ ޖުމްލަ ނަތީއްޖާއެއް ނެރެވޭ ގޮތަށް ތަހުގީގު ބައްޓަން ކުރުން. މިހާރު ދަުލަތުގެ ލޯ އެންފޯސްމަންޓް އިދާރާތަކުން ކުރަމުންދާ މަސައްކަތުން އާދަޔާ ހިލާފު ލަސްތަކެއް ނުވެ މަސްލަ ބަލައި ނިންމާލެވޭނެ." ރިޔާޒު ވިދާޅުވި އެެވެ.

ރިޔާޒު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު، ރިޔާސީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ގުޅިގެން ތަހުގީގު ކުރަން ޓީމެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި ހަފްތާ ތެރޭ އެކަމާ ގުޅިގެން އެއްބަސްވުމެއްގައި ސޮއި ކުރާނެ ކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ.

މިއަދު ކޮމިޓީ ނިންމާލީ ސިއްރު ކޮމިޓީއެއް ބާއްވާނަމަ އެކަން ފުލުހުންނަށް އަންގާނެ ކަމަށް ރިޔާސަތުން ބުނުމަށްފަހު އެވެ.

އެމްއެމްޕީއާރުސީން ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން 77.55 މިލިއަން ޑޮލަރު އެމްއެމްޕީއާރުސީއަށް ލިބެން ޖެހެ އެވެ. ނަމަވެސް އޭގެ ތެރެއިން އެމްއެމްޕީއާރުސީގެ އެކައުންޓަށް ވަނީ 12.5 މިލިއަން ޑޮލަރެވެ. އަދި އެ ފައިސާގެ ތެރެއިން ވެސް 5.3 މިލިއަން ޑޮލަރު އެ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފްގެ އެކައުންޓަށް ވަނީ ޖަމާވެފަ އެވެ.