30 Oct 2011, 13:41
އިޓާލިއަން ސެރީއާގައި ރޭ އިންޓަމިލާން އަތުން ޔުވެންޓަސް މޮޅުވިއިރު، ރޯމާ އަތުން އޭސީ މިލާން މޮޅުވެއްޖެ އެވެ. ލީގުގެ ދެވަނަ އަށް އޭސީ މިލާން ޖެހުނުއިރު، އިންޓަމިލާން އަށް ރެލިގޭޝަންގެ ބިރު ދަނީ ބޮޑު ވަމުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލަނޑުތައް ފެނިގެންދިޔަ މިމެޗުގެ ލީޑު ބާރަ ވަނަ މިނެޓުގައި ޔުވެންޓަސް އަށް ނަގައިދިނީ މާކޯ ވުޗިނިޗް އެވެ. މެޗުގެ 28 ވަނަ މިނެޓުގައި ބްރެޒިލް ޑިފެންޑަރު މައިކޮން އިންޓަ އަށް ނަތީޖާ ހަމަކޮށްދީފައި ވަނިކޮށް، އޭގެ ފަސް މިނެޓް ފަހުން ކްލައުޑިއޯ މާޗިސިއޯ ޔުވެންޓަސް އަށް އަލުން ލީޑު ހޯދައިދިނެވެ. މިމެޗު ނިމިގެންދިޔައީ 2-1 ލަނޑުން ޔުވެންޓަސް ކުރީގައި އޮވެގެންނެވެ.
ދިހަ ކުޅުންތެރިންނާ އެކު ކުޅެމުންދިޔަ އޭސީ މިލާން ރޯމާ އަތުން މޮޅުވީ 3-2 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ސަތާރަ ވަނަ މިނެޓުގައި އޭސީ މިލާނަށް ކާމިޔާބު ކޮށްދިނީ ޒްލަޓަން އިބްރަހިމޮވިޗް އެވެ. މެޗުގެ 28 ވަނަ މިނެޓުގައި ނިކޮލަސް ބަޑީސޯ ރޯމާ އަށް ނަތީޖާ ހަމަހަމަ ކޮށްދިންތާ ދެ މިނެޓް ފަހުން މިލާނަށް އަލުން ލީޑު ނަގައިދިނީ ޑިފެންޑަރު އެލެސެންޑްރޯ ނެސްޓާ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-1 ލަނޑުން މިލާން ކުރީގައި އޮވެގެންނެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ކެވިން ޕްރިންސް ބޯޓެންގް އަށް ދެއްކި ރާތް ކާޑުގެ ސަބަބުން، މެޗުގެ ބާކީ ބައި މިލާނުން ފުރިހަމަ ކުރީ ދިހަ ކުޅުންތެރިންނާ އެކު އެވެ. މެޗުގެ 78 ވަނަ މިނެޓުގައި ޒްލަޓަން އިބްރަހިމޮވިޗް މިލާނަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްދީ ލީޑު ފުޅާ ކޮށްދިންތާ، ނުވަ މިނެޓް ފަހުން ބޯޖާން ކްރިކިކް ލީޑު ހަނި ކުރިއެވެ. ނަމަވެސް މެޗު ނިމިގެންދިޔައީ 3-2 ލަނޑުން މިލާން ކުރީގައި އޮވެގެންނެވެ.
ކަޓަނިއާ އިން ވަނީ ނަޕޯލީ އަތުން މޮޅުވެފަ އެވެ. މެޗުގެ އެއްވަނަ މިނެޓުގައި އެޑިންސަން ކަވާނީ ނަޕޯލީ އަށް ލީޑު ނަގައިދީފައިވަނިކޮށް، ފަހަތުން އަރާ ދެލަނޑު ކާމިޔާބު ކޮށް، ކަޓަނިއާ އިން މެޗު ކާމިޔާބު ކޮށްފައި ވެއެވެ. މެޗުގެ 25 ވަނަ މިނެޓުގައި ޖިއޮވާނޯ މާޗޭސެ ކަޓާނިއާ އަށް ނަތީޖާ ހަމަކޮށްދިންއިރު. މެޗުގެ 48 ވަނަ މިނެޓުގައި ލީޑު ހޯދައިދިނީ ގޮންޒާލޯ ބާގެސިއޯ އެވެ. މެޗު ނިމިގެންދިޔައީ 2-1 ލަނޑުން ކަޓަނިއާ ކުރީގައި އޮވެގެންނެވެ.
އިޓާލިއަން ސެރީއާގެ ޕޮއިންޓް ތާވަލަށް ބަލާލާ އިރު، ނަވާރަ ޕޮއިންޓާ އެކު އެއްވަނާގައި އޮތީ ޔުވެންޓަސް އެވެ. ސަތާރަ ޕޮއިންޓާ އެކު ދެވަނާގައި އޭސީ މިލާން އޮތްއޮރި، ފަނަރަ ޕޮއިންޓާ އެކު ތިންވަނާގައި އޮތޯ އުދިނޭސީ އެވެ. ހަތަރު ވަނާގައި އޮތީ ލާޒިއޯ އެވެ.