14 Jul 2019, 14:21
ތ. ފުނައްޑޫ ފަރަށް 2017 ވަނަ އަހަރު އެރި ބާޖަކާއި އެ ބާޖު ކަފުޖަހައިގެން ދިޔަ ޓަގްބޯޓެއް އަދިވެސް ފުން ކުރެވިފައި ނުވާތީ، އެ ސަރަހައްދުގެ ފަރާއި ދިރުންތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުން އެބަދެ އެވެ.
ފުނައްޑޫއަކީ މަސް ފެކްޓްރީއެއް ހިންގަން އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ރަށެކެވެ. އެ ރަށުގެ ހުޅަނގު ދެކުނާ ވީ ދިމާލުން ބޭރަކީ ރާޅާ އެޅުންތެރިންގެ މެދުގައި މަގުބޫލު ސާފު ސްޕޮޓެއްގެ އިތުރުން ގުދުރަތީ ގޮތުން މުއްސަނދި ފަރެއް ހިމެނޭ ސަރަހައްދެކެވެ.
މީގެ ދެ އަހަރު ކުރިން ފުނައްޑޫ ފަރަށް އެރި މި ބާޖަކީ އެމްޓީސީސީން ތިމަރަފުށީ އެއާޕޯޓު ހެދުމަށް ބޭނުން ކުރަން ޖެހުނު ބޮޑު ހިލަތަކެއް ބަރުކޮށްގެން ދިޔަ ބާޖެކެވެ. މިހާތަނަށްވެސް ބާޖު ފުންކުރެވިފައި ނުވާ އިރު، އެކަމުގެ ސަބަބުން އެތަނުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންވެ، އަދި ރާޅާ އަޅާ މީހުންނަށްވެސް އެތަން ބޭނުމެއް ނުކުރެވެ އެވެ.
ޓަގު ބޯޓާއި ބާޖު ފުން ނުކުރެވި އޮތުމަކީ އަތޮޅު ކައުންސިލުގެ ވެސް ބޮޑު ކަންބޮޑުވުމެކެވެ.
އެ ކައުންސިލުގެ ރައީސް ރިލްވާން އަބްދުﷲ "ސަން"އަށް ވިދާޅުވީ ފުނައްޑޫ ފަރަށް ލިބެމުންދާ ގެއްލުންތަކާ ގުޅިގެން އެންވާރަމަންޓް މިނިސްޓްރީއާ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެ މައްސަލަ ހައްލުކުރަން ކުރިއެރުމެއް އަދިވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުނައްޑޫ ފަރަށް އަރާފައިވާ ބާޖް: އެ ބާޖް ފުންނުކުރެވި ފަރަށް ގެއްލުންވެ، ސާފަރުންނަށް ވެސް ވަނީ ހުރަސްއެޅިފައި.
މީގެ ކުރިން ހީކުރެވިފައި އޮތީ ފަރަށް އެރި ޓަގް ބޯޓާއި ބާޖަކީ އެމްޓީސީސީގެ ތަކެތި ކަމަށެވެ.
ނަމަވެސް އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު "ސަން"އަށް މިއަދު ވިދާޅުވީ އެ ބާޖަކީ އެމްޓީސީސީގެ ބާޖެއް ނޫން ކަމަށެވެ. އެއީ އެމްޓީސީސީގެ ހިލަ އުފުއްލަން ހަވާލުކުރި ކުންފުންޏެއްގެ ބާޖެއް ކަމަށް ޝާހު ވިދާޅުވި އެވެ. "ސަން"އިން ގުޅި އިރު ޝާހު ގެންދެވީ އެއީ ކޮން ކުންފުންޏެެއްކަން ހޯދުމަށް ރެކޯޑުތައް ބައްލަވަމުންނެވެ.
ބާޖާއި ޓަގު ފުން ނުކުރެވި ގިނަ ދުވަސްވެފައިވާ ސަބަބާ ގުޅޭ ގޮތުން އީޕީއޭގެ ޑިރެކްޓަރު އިބްރާހިމް ނައީމް ވިދާޅުވީ އެކަން މިހާތަނަށް ކުރެވިފައި ނުވަނީ ބާޖާއި ޓަގު ބޯޓާ ހަވާލުވާނެ ފަރާތެއް ނެތުމުން ކަމަށެވެ. އަދި އޭގެ ވެރިފަރާތާ މެދު ސުވާލު އުފެދިފައި ވުމަކީ ވެސް ސަބަބެއް ކަމަށް ވިދާޅުވި އެވެ.
އީޕީއޭއިން ހާމަކުރި ގޮތުގައި ފަރަށް އެރި އުޅަނދުތަކަކީ އިންޑޮނޭޝިއާގެ ކުންފުންޏެއްގެ އުޅަނދުތަކެކެވެ. އެކަމަކު، ފަރަށް އެރުމުން އެ ދެ އުޅަނދު އެ ކުންފުނިން ވަނީ އެހެން ފަރާތަކަށް ވިއްކާލާފަ އެވެ. އީޕީއޭގެ ސްޓޭންޑަކީ އެއާ ހަވާލުވާން ޖެހޭނީ ފަރަށް އެރި އިރު އޭގެ ވެރި ފަރާތް ކަމަށެވެ. އެކަމަކު، އިންޑޮނޭޝިއާގެ ކުންފުނިން އެކަމާ ދެކޮޅު ހަދަ އެވެ.
އުޅަނދުތަކުގެ ވެރިފަރާތާ މެދު ގާނޫނީ ސުވާލުތަކެއް އުފެދިފައިވާތީ ނައީމް ވިދާޅުވީ އީޕީއޭއިން ބަންޑާރަ ނައިބުގެ ލަފައަކަށް މިހާރު އެދިފައިވާ ކަމަށެވެ.

ފުނައްޑޫ ފަރަށް އަރާފައިވާ ބާޖް: އެ ބާޖް ފުންނުކުރެވި ފަރަށް ގެއްލުންވެ، ސާފަރުންނަށް ވެސް ވަނީ ހުރަސްއެޅިފައި.
ފުނައްޑޫ ފަރަށް ޓަގާއި ބާޖު އަރައި، ސާފް ސްޕޮޓު ބޭނުންކުރުމަށް ބުރޫ އަރާފައިވާތީ ރާޅާއެޅުމުގައި އުޅޭ ޒުވާނުން ގެންދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ އެތަނަކީ ސާފިންގް ޓޫރިޒަމަށް ފައްކާ ކުރެވިދާނެ ގުދުރަތީ ގޮތުން މުއްސަނދި ރަނގަޅު ނަފާއެއް ހޯދިދާނެ ސަރަހައްދެއް ކަމަށް އެ ޒުވާނުން ބުނެ އެވެ.
"މިހާރު ކިހާ ދުވަހެއް މިކަމަށް ހައްލެއް ލިބެން ވެއްޖެ. މުޅި ވެށި މިގޮތަށް ހަލާކުވާން ދޫކޮށްލައިގެން މި ތިބެނީ. އެކަމުގެ ސަބަބުން ރީތި ފަރަށް ލިބޭ ގެއްލުން ކިހިނެއްތޯ ފޫބައްދާނީ؟ މުޅި ފަރު އެއޮތް ހަލާކުވެ ދަނީ. ސާފް ޓޫރިޒަމުން ލިބެން އޮތް އާމްދަނީވެސް އެ ގެއްލެނީ،" ރާޅާއެޅުމުގައި އުޅޭ އިބްރާހިމް އިޝްހާމް "ސަން"އަށް ބުންޏެވެ.
ފުނައްޑޫ ކައިރީގައި އޮންނަ ކަނިމެންދޫއަކީވެސް މުހިންމު ސާފް ސްޕޮޓެކެވެ. އެތަނަށް ކޮންމެ ދުވަހަކުވެސް ސަފާރީތައް ގޮސް ހަދަ އެވެ.
ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމުގެ ގޮތުން ސާފް ޓޫރިޒަމްވެސް ކުރިއެރުވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި މިހާރުވެސް ސާފު ކުރުމަށް ޓޫރިސްޓުން ރާއްޖެ އާދެ އެވެ.