14 Jul 2019, 14:23
ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު، ދަފްތަރު ނަންބަރު 2997، ޝައިމް އަބްދުﷲ، ގެއްލުނު މައްސަލާގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އާ ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރުކުރަން ނިންމައިފި އެވެ.
ޝިދާތާ މަޖިލީހަށް ހާޒިރުކުރަން އެޖެންޑާ ކޮށްފައިވާކަން ހާމަކުރީ މި ހަފްތާގައި މަޖިލީހުން ކުރަން ހަމަޖެހިފައި ހުރި ކަންކަން ހާމަކުރުމަށް މަޖިލީހުން މިއަދު ބޭއްވި ނިއުސް ބްރީފިން ގައެވެ.
ޝައިމްގެ މައްސަލައިގައި ޝިދާތާއާ ސުވާލު ކުރަން ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ. އަދި މާދަމާ މަޖިލީހުގެ ޖަލްސާއަށް ޝިދާތާ ހާޒިރު ކުރާނެ އެވެ.
ޝައިމް ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. އަދި އޭރު އޭނާ ހުރީ ބަލާނެ މީހަކު ނުވެގެން ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގަ އެވެ.
ފުލުހުން ޝައިމް ހޯދާފަައި ވަނީ ޖުލައި އެއް ވަނަ ދުވަހު ބުރުޒުމަގު މާފަންނު ކޮޅުގައި ހުރި ގެއެއްގެ ތެރެއިން އެވެ. އަދި ޝައިމް ފިލައިގެން ދިޔުމުން ފޮރުވައިގެން ގެންގުޅު ކަމުގެ ތުހުމަތުގައި 46 އަހަރުގެ އަންހެނަކާއި 23 އަހަރުގެ ފިރިހެން ވަނީ ހައްޔަރުކޮށްފަ އެވެ.
ޝައިމް ގެއްލުނީ ބަލަންވާ ވަރަށް ބެލިފައި ނެތުމުން ކަމަށް މިނިސްޓަރު ޝިދާތާ ވެސް ފަހުން ވަނީ މަޖިލީހުގެ ކޮމިޓީއެއްގައި އެއްބަސްވެވަޑައިގެންފަ އެވެ. މިނިސްޓަރު ވިދާޅުވީ ހިޔާގައި ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި ތިބޭ މުވައްޒަފުންނަކީ އެކަމަށް ހާއްސަ ތަމްރީނު ލިބިފައިތިބި މީހުން ނޫން ކަމަށެވެ.
އޭގެ އިތުރުން ޝައިމް އާ ބެހޭ ހުރިހާ މައުލޫމާތެއް މިނިސްޓަރު ޝިދާތާ މީޑިއާގައި އާންމު ކުރުމުން ވެސް އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމަޒުވެފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިދާތާ ވަނީ ޝައިމް ދައުލަތުގެ ބެލުމުގެ ދަށަށް އެންމެ ފުރަތަމަ ގެންދެވުނު ހިސާބުން އޭނާ ގެއްލުމާއި ހަމައަށް ހިނގާފައިވާ ކަންތައް ހިއްސާކުރައްވައިފަ އެވެ.