މާލޭ މަގުމަތިން ހިނގާފައި ދިޔަ އަންހެނަކަށް ޖިންސީ ފުރައްސާރަކޮށް ފޮށުނު މައްސަލާގައި ހައްޔަރު ކުރި 56 އަހަރުގެ ފިރިހެން މީހާގެ މައްޗަށް ދައުވާކޮށްފި އެވެ.

އެ މައްސަލަ ފުލުހުންނާ އާންމުންގެ ސަމާލުކަމަށް އައީ، އެ ޖިންސީ ފުރައްސާރަ ލިބުނު އަންހެން މީހާ އޭނާގެ ތަޖުރިބާ އޭނާގެ އަމިއްލައަށް ޓްވިޓާގައި ހިއްސާކުރުމުން އެވެ.

ޕީޖީ އިން އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ ގ.އެއްތެޔޮމާގޭ، އަބްދުލް ޣަނީ އިސްމާއީލްގެ މައްޗަށެވެ. އޭނާގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ ދަށުން ތިން ދައުވާއެއް ވަނީ އުފުލައިފަ އެވެ.

ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާއަކީ އާއްމު މަސްލަހަތަށް ގެއްލުން ހުރި ކަންކަން ބަޔާން ކުރާ މާއްދާ އެވެ.

އެ މާއްދާގެ ދަށުން އަބްދުލް ޣަނީ އިސްމާއީލްގެ މައްޗަށް އުފުލާފައި ވަނީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު އަމަލު ކުރުމުގެ ދައުވާ އާއި، އާންމު ތަނެއްގައި ނުވަތަ ތަންތަނުގައި ކަނޑައެޅިގެން ވަކި މީހެއްގެ ފަހަތުން ދިއުމުގެ ދައުވާ އާއި، ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދައުވާ އެވެ.

ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެންމެ ދަށް މިންގަނޑުން ދެވޭނެ އަދަބަކީ ނުވަ ދުވަހަށް ޖަލަށް ލުމެވެ. އޭނާއަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ ތިން މަހަށް ޖަލަށް ލުމެވެ.

ފޮށުނު މީހާގެ ފޮޓޯ އާންމުކޮށް އަންހެން މީހާ ބުނީ އެ މީހާ އޭނާއަށް ފުރައްސާރަކުރީ އޭޑީކޭ ހޮސްޕިޓަލު ސަރަހައްދުން ކަމަށާއި އޭނާގެ ފަސްފަހަތުން ފުރައްސާރަކުރަމުން ސްކޫޕް ރެސްޓޯރަންޓާ ހަމަޔަށް ވެސް ދިޔަ ކަމަށެވެ.

އެއާއެކު ހަމަ އެ ފިރިހެންމީހާގެ ފަރާތުން އެތައް ބަޔަކަށް އެ ފުރައްސާރަ މީގެ ކުރިން ކުރިމަތިވިކަމަށް ބުނެ ގިނަ ބަޔަކު އެވާހަކަތައް ހިއްސާ ކުރަން ފެށި އެވެ.