ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަދާ ޕައުންޓެއިން ޕާކުގެ މަސައްކަތް ނިމުން ލަސްވަނީ ފައިސާގެ މައްސަލަތަކެއް އުޅޭތީ ކަމަށް އެޗްޑީސީ އިން ބުނެފި އެވެ.

މިދިޔަ އަހަރުގެ މާޗު މަހު ސަން އަށް ދެއްވި އިންޓަވިއުއެއްގައި އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ ފައުންޓެއިން ޕާކުގެ މަސައްކަތް ނިންމާ މިދިޔަ އަހަރުގެ މިނިވަންދުވަހަށް އެތަން ހުޅުވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭގެ ފަހުން އަހަރަކާ ގާތްވެފައިވާއިރު، އަދިވެސް އެ ޕާކުގެ މަސައްކަތް ނިމިފައެއް ނުވެއެވެ. އެޗްޑީސީގެ މިހާރުގެ އެމްޑީ ސުހައިލް އަހުމަދު މިއަދު "ސަން" އަށް ވިދާޅުވީ ފައުންޓެއިން ޕާކުގެ މަސައްކަތް ހުއްޓިފައި އޮންތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.

"ޕޭމެންޓެއް ހަމަނުޖެހިގެން މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި އޮތީ. ނަމަވެސް ކޮންޓްރެކްޓަރު ޔަގީންކަން ދެއްވާ މަސައްކަތް އެއްކޮށް ނިންމާދޭނެ ކަމަށް،" ސުހައިލް ވިދާޅުވިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކް ތަރައްގީ ކުރަނީ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ލެޝާ ޒޯން 2016 ވަނަ އަހަރު އާންމުންނަށް ހުޅުވާލާފައިވާއިރު، އައުޓް ޑޯ ޖިމް އަކާއެކު އެޑްވެންޗާ ޒޯން ވެސް 2016 ވަނަ އަހަރު ވަނީ އާންމުންނަށް ހުޅުވާލައިފައެވެ.

ފައުންޓެއިން ޕާކު ހަދާ ސަރަހައްދު ތަރައްގީކުރަނީ ބައިވަރު ފައުންޓެން ތަކާއެކު ފައުންޓެން އޭރިއާއެއްގެ ގޮތުގަ އެވެ.