ސްޓޫޑަންޓް ލޯން ސުކީމްގެ ދަށުން މިދިޔަ މަހު ހުޅުވާލި ފުރުސަތުގައި އެންމެ ގިނަ ލޯނު ދޫކޮށްފައި ވަނީ މާސްޓާސް އަށް ކިޔަވާ ދަރިވަރުންނަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ހާމަކޮށްފި އެވެ.

އެ މިނިސްޓްރީ އާންމު ކުރި ލޯނު ލިބުނު ދަރިވަރުންގެ ލިސްޓަށް ބަލާއިރު، މާސްޓާސް އަށް ކިޔެވުމަށް ލޯނަށް އެދި 129 ފަރާތަކުން ވަނީ ފޯމު ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން 65 ފަރާތަކަށް ލޯނު ވަނީ ދޫކޮށްފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ އަލަށް ކިޔަވަން ފަށާ 56 ފަރާތަކަށް ދިން ލޯނާއި، މިހާރު މާސްޓާސް އަށް ކިޔަވަމުން އަންނަ ނުވަ ފަރާތަކަށް ދިން ލޯނެވެ.

އެންމެ މަދުން ލޯނު ދޫކޮށްފައި ވަނީ ޕީއެޗްޑީއަށެވެ. ޕީއެޗްޑީ އަށް ކިޔެވުމަށް ލޯނަށް އެދި ހުށަހެޅި 45 ފަރާތުގެ ތެރެއިން ލޯނު ލިބުނީ އެންމެ ހަތަރު ފަރާތަށެވެ. އެއީ މިހާރު ކިޔަވަމުން އަންނަ ދެ ދަރިވަރުންނަށާއި އަލަށް ކިޔަވަން ފަށާ ދެ ދަރިވަރުންނަށެވެ.

ލޯނަށް އެދި އެންމެ ގިނަ އިން ފޯމު ހުށަހަޅައިފައި ވަނީ ބެޗެލާސް ޑިގްރީ އަށެވެ. ޖުމްލަ 320 ފަރާތަކުން ފޯމު ހުށަހެޅި ނަމަވެސް ލޯނު ދޫކޮށްފައި ވަނީ 34 ފަރާތަކަށެވެ. އެއީ މިހާރު ކިޔަވަމުން އަންނަ 23 ފަރާތަކަށާއި، އަލަށް ކިޔަވަން ފަށާ 11 ފަރާތަކަށެވެ.

ޕައިލެޓް ކަން ކިޔަވަން 205 ފަރާތަކުން ފޯމު ހުށަހެޅި ނަމަވެސް ލޯނު ލިބުނީ 10 ފަރާތަކަށެވެ. އެއީ އަލަށް އެ ދާއިރާއިން ކިޔަވަން ފަށާ ފަސް ފަރާތަކާއި މިހާރު ވެސް ކިޔަވަމުން އަންނަ ފަސް ފަރާތަށެވެ.

ޑޮކްޓަރުކަން ކިޔެވުމަށް ލޯނަށް އެދި 153 ފަރާތަކުން ފޯމު ހުށަހެޅި އިރު ލޯނު ލިބުނީ ހަތް ފަރާތަކަށެވެ. ޑިޕްލޮމާ އަށް ކިޔެވުމަށް 108 ފަރާތަކުން ފޯމު ހުށަހެޅި އިރު ލޯނު ދޫކޮށްފައި ވަނީ 42 ފަރާތަށެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ ލޯނަށް އެދި ހުޅުވާލި ފުރުސަތުގައި 960 ފަރާތަކުން ފޯމު ހުށަހަޅި ކަމަށެވެ.

ލޯނު ސްކީމުގެ ދަށުން 79 ޖާގަ ކަނޑައަޅައިފައި ވަނީ އަލަށް ކިޔަވަން ފަށާ ފަރާތްތަކަށެވެ. އަދި 84 ޖާގަ ކަނޑައަޅައިފައި ވަނީ ކިޔަވަމުންދާ ދަރިވަރުންނަށެވެ.

ނަމަވެސް އޮންގޮއިން ކެޓަގަރީ އިން ހުޅުވާލި 84 ޖާގައަށް 210 ފަރާތަކުން ކުރިމަތިލި އިރު، ކޮލިފައިވީ 57 ފަރާތެއް ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެ އެވެ. އެހެންކަމުން ބާކީ ހުރި ޖާގަތައް ނިއު ކެޓަގަރީ އަށް ބޭނުންކޮށް، ލޯނަށް އިއުލާނު ކުރެވުނު 163 ޖާގައަށް ލޯނު ދޭން ނިންމީ ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.

ދެން އެންމެ އަވަހަށް ލޯނަށް ހުޅުވާލާނީ މި އަހަރު ފަހުކޮޅު ކަމަށް މިނިސްޓްރީ އިން މައުލޫމާތުދެ އެވެ.