30 Oct 2011, 13:38
އާސެނަލް ކެޕްޓަން ރޮބިން ވެން ޕާސީގެ ހެޓްރިކާއެކު، 5-3 ލަނޑުގެ ނަތީޖާ އަކުން ޗެލްސީ ބަލިކުރުމުން ޗެލްސީ އަށް އިތުރު ހުރަހެއް ކުރިމަތި ވެއްޖެއެވެ. މެންޗެސްޓާ ސިޓީ އަށް ރޭ ފަސޭހަ މޮޅެއް ލިބުނު އިރު، މެންޗެސްޓާ ޔުނައިޓެޑް ހަނިގޮތަކަށް މޮޅުވެއްޖެ އެވެ.
ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ޗެލްސީ-އާސެނަލް މެޗުގައި ފުރަތަމަ ލީޑު ނެގީ ޗެލްސީ އިންނެވެ. މެޗުގެ ސާދަ ވަނަ މިނެޓުގައި ޗެލްސީ އަށް ފްރޭންކް ލަމްޕާޑު ކުރި ހޯދައިދީފައި ވަނިކޮށް، ކެޕްޓަން ރޮބިން ވެން ޕާސީ އާސެނަލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޖޯން ޓެރީ ވަނީ ޗެލްސީ އަށް އަލުން ލީޑު ހޯދައިދީފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-1 ލަނޑުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ހަތަރު މިނެޓް ފަހުން އަންދުރޭ ސަންޓޯސް އާސެނަލް އަށް އަލުން ނަތީޖާ ހަމަހަމަ ކޮށްދިނެވެ. މެޗުގެ 55 ވަނަ މިނެޓުގައި އާސެނަލް އަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދިނީ ތިއޯ ވަލްކޮޓް އެވެ. މެޗުގެ 80 ވަނަ މިނެޓުގައި މަޓާ ޗެލްސީ އަށް ނަތީޖާ ހަމަހަމަ ކޮށްދިންތާ ފަސް މިނެޓް ފަހުން މަލޫޑާގެ ކުށެއްގެ ފައިދާ ނެގުމަށް ފަހު ވެންޕާސީ އާސެނަލް އަށް އަލުން ލީޑް ހޯދައިދިނެވެ. ވެންޕާސީ ހެޓްރިކް ފުރިހަމަ ކޮށް، އާސެނަލް އަށް ލީޑު ފުޅާ ކޮށްދިނީ މެޗުގެ އިތުރު ވަގުތުގައެވެ. މިމެޗު ނިމިގެންދިޔައީ 5-3 ލަނޑުން އާސެނަލް ކުރީގައި އޮވެގެންނެވެ.
ދިހަ ކުޅުންތެރިންނާ އެކު ކުޅުންމުންދިޔަ ނަމަވެސް ލީގުގެ އެއްވަނާގައި އޮތް މެންސިޓީއިން ވަނީ ވޮލްވްސް އަތުން ފަސޭހަކަމާއެކު މޮޅުވެފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް ދެވަނަ ހާފުގައި ހަތަރު ލަނޑު ފެނިފައި ވެއެވެ. މެޗުގެ 52 ވަނަ މިނެޓުގައި ވޮލްވްސްގެ ގޯލު މެންސިޓީ އަށް ހުޅުވައިދިނީ އެޑިން ޖެކޯ އެވެ. މެޗުގެ 67 ވަނަ މިނެޓުގައި ޑިފެންޑަރު އެލެކްސެންޑާ ކޮލަރޯވް މެންސިޓީ އަށް ލީޑު ފުޅާ ކޮށްދީފައި ވަނިކޮށް މެޗުގެ 75 ވަނަ މިނެޓުގައި ވޮލްވްސް އަށް އެ ލީޑު ހަނިކޮށްދިނީ ސްޓެފަން ހަންޓް އެވެ. މެޗުގެ އިތުރު ވަގުތުގައި އެޑަމް ޖޯންސަން މެންސިޓީ އަށް ލަނޑެއް ކާމިޔާބުކޮށްދީ ލީޑު ފުޅާ ކޮށްދިނެވެ. މިމެޗު ނިމިގެންދިޔައީ 3-1 ލަނޑުން މެންސިޓީ ކުރީގައި އޮވެގެންނެވެ.
އެވަޓަން އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވީ 1-0 ލަނޑުންނެވެ. މިމެޗުގެ ހަމައެކަނި ލަނޑު މެޗުގެ ނަވާރަ ވަނަ މިނެޓުގައި މެންޔުނައިޓެޑް އަށް ކާމިޔާބު ކޮށްދިނީ ހާވިއާ ހެނާންޑޭޒް އެވެ. މިމެޗުގައި އެވަޓަންގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިފައިވެއެވެ. އެގޮތުން މެންޔުނައިޓެޑުން ހަތް ހަމަލާ އުފެއްދިއިރު، އެވަޓަން އިން ނަވާރަ ހަމަލާ އުފައްދާފައި ވެއެވެ.
ވެސްޓް ބްރޮމް އަތުން ލިވަޕޫލް ވަނީ މޮޅުވެފަ އެވެ. މެޗުގެ ނުވަ ވަނަ މިނެޓުގައި ލިވަޕޫލް އަށް ލިބުނު ޕެނަލްޓީ އަކުން ޗާލީ އެޑަމް އެޓީމަށް ލީޑު ހޯދައިދީފައި ވެއެވެ. މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގައި ލިވަޕޫލް އަށް ލީޑު ފުޅާކޮށްދިނީ އެންޑްރޫ ކެރޯލް އެވެ. ފުރަތަމަ ހާފުގައި ފެނުނު ދެލަނޑާއެކު މެޗު ނިމިގެންދިޔައީ ލިވަޕޫލް މޮޅުވެގެން ނެވެ.
ސަންޑަލޭންޑާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު 2-2 ލަނޑުން އެއްވަރު ވެފައި ވާއިރު، ނޮވިޗް އާއި ބްލެކްބާން ބައްދަލުކުރި މެޗު އެއްވަރު ވެފައިވަނީ 3-3 ލަނޑުންނެވެ. އެސްޓަން ވިލާކޮޅަށް ސަންޑަލޭންޑުން ޖެހި ދެލަނޑު ކާޟިޔާބު ކޮށްދިނީ ކޮނާ ވިކްމް އާއި ސްޓެފަން ސެސެގްނަން އެވެ. އެސްޓަން ވިލާ އަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ ސްޓީލާން ޕެޓްރޯވް އާއި ރިޗާޑް ޑަން އެވެ. ނޮވިޗް – ބްލެކްބާން މެޗުގައި ނޮވިޗް އަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ ސްޓީވް މޮރިސަން އާއި، ބްރެޑްލީ ޖޯންސަން އަދި ގްރޭންޓް ހޯލްޑް އެވެ. ބްލެކްބާން ގެ ލަނޑުތައް ފެނުނީ ޑޭވިޑް ހޮލިއެޓް، ޔަކޫބޫ އަދި ކްރިސްޓޮފާ ސާމްބާ ގެ ފަރާތުންނެވެ.
ބޮލްޓަން އަތުން ސްވަންސީ މޮޅުވީ 3-1 ލަނޑުންނެވެ. ސްވަންސީ އަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ ޖޯ އެލަން އާއި، ސްކޮޓް ސިންކެލެއާ އާއި، ބައިކޮޅަށް ވެސް ލަނޑެއް ވަތް ޑެނީ ގްރަހަމް އެވެ. ވިގަން އަތުން ފުލަމް މޮޅުވީ 2-0 ލަނޑުންނެވެ. ފުލަމް އަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ ކްލިންޓް ޑެމްޕްސީ އާއި މޫސާ ޑެމްބެލެ އެވެ.
ރޭގެ ނަތީޖާތަކުގެ ސަބަބުން ޕްރެމިއާ ލީގުގެ ޕޮއިންޓް ޓޭބަލްގެ ގަދަ ހަތަރެއްގެ މަގާމުތަކަށް އިތުރު ބަދަލުތަކެއް އައިސްފައެއް ނުވެ އެވެ. އަށާވީސް ޕޮއިންޓާ އެކު އެއްވަނާގައި މެންސިޓީ އުޅޭއިރު، ތޭވީސް ޕޮއިންޓާ އެކު ދެވަނާގައި އޮތީ މެންޔުނައިޓެޑް އެވެ. ތިންވަނާގައި ޗެލްސީ އޮތްއިރު، ހަތަރުވަނާގައި އޮތީ ނިއުކާސަލް އެވެ.