14 Jul 2019, 12:25
ބާ ކައުންސިލުގެ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުމަށް އިއްޔެ ބޭއްވި އިންތިހާގެ ވޯޓު ފޮށިތައް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އެގޮތަށް ނިންމާފައިވަނީ ބާ ކައުންސިލުގެ ހިނގާ ކޮމިޓީއަށް އިންތިހާބުވި މެމްބަރަކާއި، އިންތިހާބު ނުވާ މެމްބަރެއްގެ ދެމެދުގައި އެއް ވޯޓުގެ ތަފާތު ހުރުމުން އަލުން ގުނައިދިނުމަށް އެދި ކެންޑިޑޭޓަކު ހުށަހެޅި ޝަކުވާ އަކާ ގުޅިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
ބާކައުންސިލް އިންތިހާބުގައި ވަކީލު އަދި ކުރީގެ މަޖިލިސް މެމްބަރުން އަނާރާ ނައީމްއަށް ލިބިވަޑައިގަތީ 343 ވޯޓެވެ. އަނާރާއާ ވާދަކުރެއްވީ ވަކީލު އަބްދުލް މާނިއު ހުސައިން އެވެ. އޭނާއަށް ލިބިވަޑައިގަތީ 342 ވޯޓެވެ. އަނާރާ ބާ ކައުންސިލުގެ ހިންގާ ކޮމިޓީގެ ޖާގަ ކަށަވަރު ކުރެއްވީ އެއްވޯޓުން ކުރި ހޯއްދަވައިގެންނެވެ.
ބާ ކައުންސިލްގެ ހިންގާ ކޮމިޓީއަށް އިންތިޚާބު ކުރި ހަ ވަކީލުން
1. މުހައްމަދު ފައިސަލް – 637 ވޯޓް
2. އަހްމަދު މުއިއްޒު – 627 ވޯޓް
3. އައިޝާ ޝުޖޫން މުހައްމަދު – 445 ވޯޓް
4. އަނަސް އަބްދުއްސައްތާރު – 361 ވޯޓް
5. މުހައްމަދު އަސީލް ހަސަން – 356 ވޯޓް
6. އަނާރާ ނައީމް – 343 ވޯޓް
އިއްޔެ ބޭއްވި ބާ ކައުންސިލްގެ އިންތިޚާބުގައި ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގަތީ މައުމޫން ހަމީދެވެ. އޭނާއަށް 543 ވޯޓް ލިބިލެއްވިއިރު ހުސްނުއް ސުއޫދުއަށް ލިބިލެއްވީ 401 ވޯޓެވެ.
ނައިބު ރައީސްއަކަށް އިންތިހާބުވެވަޑައިގަތީ ކުރީގެ ބަންޑާރަ ނައިބް އަބްދުﷲ މުއިއްޒު އެވެ. ބޮޑުތަފާތަކުން ނައިބް ރައީސްގެ މަގާމަށް މުއިއްޒު އިންތިހާބްވެވަޑައިގަތީ 792 ވޯޓުންނެވެ. މުއިއްޒުއާ ވާދަކުރެއްވި ކުރީގެ ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމަށް ލިބިލެއްވީ 139 ވޯޓެވެ.
ޖުމްލަ 1488 ވަކީލުން ވޯޓުލެއްވުމަށް ރަޖިސްޓްރީ ކުރެއްވި ނަމަވެސް ވޯޓް ލައްވާފައިވަނީ 955 ވަކީލުންނެވެ.