ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، އިކޮނޮމިކް މިނިސްޓްރީގެ ނައިބުގެ މަގާމަށް ގއ. ދާންދޫ، ކާމިނީގެ، އަހުމަދު މުޖާހިދު އައްޔަނު ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މުޖާހިދު މަގާމަށް ހަމަޖެއްސީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ޓީވީއެމްގެ ބައެއް ޝޯތައް ވެސް ޕްރެޒެންޓް ކުރާ މުޖާހިދަކީ މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީއިން މާސްޓާޒް އޮފް އެޑިއުކޭޝަން ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ.

މުޖާހިދު އެންމެ ފަހުން ހުންނެވީ، އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގަ އެވެ. އަދި މީގެ ކުރިން އިސްކަންދަރު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމާއި، އިސްކަންދަރު ސްކޫލްގެ ލީޑިން ޓީޗަރުގެ މަގާމާއި، ގައުމީ ޔުނިވަސިޓީގެ ޕާޓް ޓައިމް ލެކްޗަރާގެ މަގާމު އޭނާ ފުރުއްވާފައިވެ އެވެ.

މުޖާހިދަށް ޑެޕިއުޓީ މިނިސްޓަރުކަން ދިނުމުން، ކޮމްޕެނީ ރެޖިސްޓްރާ މަރިޔަމް ވިސާމްއާ އެކު އިކޮނޮމިކް މިނިސްޓްރީގެ ނައިބުންގެ އަދަދު ފަހަކަށް އެރީ އެވެ.