ޕާކްކޮފައި އޮންނަ ޓެކްސީތަކުން ވައްކަން ކުރުން އާއްމުވެ، ޓެކްސީ ޑްރައިވަރުންނަށް ބޮޑެތި ގެއްލުންވެ ބިރުވެރިކަމެއްގެ ތެރޭގައި އުޅެންޖެހިފައިވާ ކަމަށް ޓެކްސީ ޑްރައިވަރުންތަކެއް ބުނެފި އެވެ.

ސަން އަށް މައުލޫމާތު ދެމުން އަޒުމް އަހުމަދު (ޓެކްސީ ޑްރައިވަރެއް) ބުނީ ޓެކްސީތަކުން ވައްކަން ކުރުމަކީ ކުރީއްސުރެ ހިނގަމުން އަންނަ ކަމެއް ކަމަށާއި ނަމަވެސް ފާއިތުވި ހަފްތާ އިން ފެށިގެން އެކަންތައް އާއްމުވެފައިވާ ކަމަށެވެ. އަދި ކާރު ޕާކްކޮށްފައި ދިއުމުން ކާރުތަކުން ގިނަ އަދަދެއްގެ ފައިސާ އާއި ކާރުގައި ހުންނަ އަގުބޮޑު މުދާ ވަގަށް ނަގާފައި އެބަހުރި ކަމަށާއި ރޭގަނޑު ޑިއުޓީ އަށް ފަހު ކާރު ޕާކްކޮށް، ހެދުނު އައިސް ބަލާ އިރު ކާރުން ގިނަ ސާމާނު ވަގަށް ނަގާފައި ހުންނަ ކަމަށެވެ.

"އަހަރުމެން ކާރުތައް ޕާކްކޮށްފައި ގެއަށް ވަދެފައި އަނެއް ދުވަހު ދާއިރުގައި ކާރުގައި ހުންނަ ލަވަ ޖަހާ ސެޓާއި ކާރުގެ ވާހަކަ ދައްކާ ސެޓާއި ވާހަކަ ދައްކާ ސެޓުގެ މައިކާއި ކާރުތަކުގައި ހުންނަ ފައިސާ އާއި ކާރުތަކުގައި ހުންނަ އަގުބޮޑު ވަރަށް ގިނަ އެއްޗެހި މިހުންނަނީ ވަގަށް ނަގާފައި. މިހެންވުމުން އަހަރުމެންނަށް ވަރަށް ބޮޑު ގެއްލުންތަކެއް އެބަވޭ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ފަހަކަށް އައިސް ދުވާލެއް ރޭގަނޑެއް ނެތި ޓެކްސީތަކުން ވައްކަން ކުރަމުން އަންނަ ކަމަށާއި ގިނަ ފަހަރަށް ކާރުތަކުގެ ދޮރުހުޅުވާލައިފައި ހުންނަނީ މާސްޓާ ތަޅުދަނޑިއެއް ބޭނުން ކޮށްގެން ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އަދި އެ މައްސަލަ މިހާރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އެހެން ޓެކްސީ ޑްރައިވަރަކު ބުނީ ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެމްއެންބީސީ ކައިރީގައި އޭނާގެ ކާރު ޕާކްކޮށްފައި އޮތްވައި ކާރުތެރޭގައި ބާއްވަފައި އޮތް ކާރުގެ ތަޅުދަނޑިއެއް ވަގަށް ނަގާފައިވާ ކަމަށާއި ހަމަ އެ ރޭ އޭނާ ޓެކްސީ ކުރާ ސެންޓަރުގެ އިތުރު ހަތް ކާރަކުން ވައްކަން ކޮށް ދެ ކާރަކުން ގިނަ އަދަދެއްގެ ފައިސާތަކެއް ގެންގޮސްފައިވާ ކަމަށެވެ. އޭގެ އިތުރުން ހުކުރު ދުވަހު ވެސް ކާރަކުން ވައްކަން ކުރިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ އެ މައްސަލަތައް ތަކުރާރުވަމުން އަންނާތީ ޓެކްސީ ޑްރައިވަރުންނަށް އަމާންކަން ގެއްލި ބިރުވެރިކަމެއްގެ ތެރޭގައި އުޅެންޖެހިފައިވާ ކަމަށެވެ. އަދި މި މައްސަލަތައް ތަހްގީގުކޮށް ހުއްޓުވުމަށް ފުލުހުންގެ އެއްބާރުލުމެއް ނުލިބޭ ކަމަށް އޭނާ ތުހުމަތު ކުރި އެވެ.

"އަޅުގަނޑުމެން މިތިބީ ބިރުވެރިކަމެއްގެ ތެރޭގައި. އެއްމެ ކަންބޮޑުވާންޖެހޭ ސަބަބަކީ މިހާރު ތަޅުދަނޑި ވެސް ގެންދިޔައީ. އެހެން ކަމުން އެމީހުން ބޭނުންވާ ކޮންމެ ފަހަރަކު ކާރު ހުޅުވޭނެ. އަނެއްކާ ރޭގަނޑު އަޅުގަނޑު އޮންނާނީ ގޭގައި ނިދާފައި. އެމީހުން ބޭނުންވެއްޖެއްޔާ ކާރު ސްޓާޓްކޮށްގެން އެމީހުން ބޭނުން ތަނަކަށް ގެންގޮސް ކޮންމެ ފަދަ ބޮޑިއެއްވެސް ދީފާނެ. އެކަމަކު އޭގެ ޒިންމާ ނަގަން ޖެހެނީ އަޅުގަނޑުމެން،" އޭނާ ބުންޏެވެ.

ޓެކްސީތަކުން ވައްކަން ކުރާ މައްސަލަ، ޓެކްސީ ޑްރައިވަރުން ފެންމަތިކޮށްފައިވާ މި ދަނޑިވަޅަކީ ދެވަނަ ފުރުސަތުގެ ދަށުން ގިނަ ގައިދީންތަކެއް މުޖުތަމައުއަށް ދޫކޮށްފައިވާ ވަގުތެކެވެ.

ޕޮލިސް މީޑިޔާ އޮފިޝަލު އަހްމަދު ޝިޔާމް ވިދާޅުވީ ފުލުހުންގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ ޓެކްސީ ޑްރައިވަރުން ތުހުމަތު ކުރި ކުރުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ޓެކްސީއަކުން ސީޑީ ޕްލެޔަރެއް ވަގަށް ނެގި މައްސަލެއް ރިޕޯޓް ކުރެވިފައިވާ ކަމަށާއި ޓެކްސީއަކުން ވައްކަން ކުރިކަމަށް މިހާތަނަށް ރިޕޯޓް ކުރެވިފައި ވަނީ އެ މައްސަލަ އެކަނި ކަމަށެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ޝިޔާމް ވިދާޅުވި އެވެ.