14 Jul 2019, 09:40
ލަންޑަން (ޖުލައި 14) : މިދިޔަ ހަފްތާގައި ޖިބްރޯލްޓާގެ ކައިރިން ދަތުރު ކުރަނިކޮށް އިނގިރޭސި ސިފައިން ހިފެހެއްޓި އީޜާނުގެ ތެޔޮ ޓޭންކަރު (ގްރޭސް ވަން) ދޫކޮށްލުމަށް އެންމެފަހުން އިނގިރޭސިވިލާތުން އެއްބަސްވެއްޖެ އެވެ.
އިނގިރޭސި ސަރުކާރުން މިކަމަށް އެއްބަސްވީ އީރާނުގެ ހާރިޖީ ވަޒީރު ޑރ. މުހައްމަދު ޖަވާދު ޒަރީފް އާއި އިނގިރޭސި ހާރިޖީ ވަޒީރު ޖެރިމީ ހަންޓް ފޯނުން ކުރެއްވި މަޝްވަރާތަކަކަށްފަހުގަ އެވެ. މި މަޝްވަރާތަކަށްފަހު ދެއްވި ބަޔާނެއްގައި ހަންޓް ވިދާޅުވީ އީރާނުގެ ތެޔޮ ޓޭންކަރު ހިފެހެއްޓީ އޭގައިވާ ތެޔޮ ގެންދަނީ ސީރިޔާއަށް ކަމަށް ޝައްކު ކުރެވިގެން ކަމަށާއި އެއީ އީރާނުގެ ޓޭންކަރަކަށްވާތީ ނޫންކަމުގަ އެވެ.
ސީރިޔާއަށް ތެޔޮ އިންޕޯޓްކުރުމާ ދެކޮޅަށް ޔޫރަޕްގެ އިއްތިޙާދުން ގަރާރެއް ފާސްކޮށް ޔޫރަޕުން ސީރިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާތީ އެޓޭންކަރު ހިފެހެއްޓީ ކަމަށް ހަންޓް ވިދާޅުވި އެވެ. އަދި އެ ޓޭންކަރު ސީރިޔާއަށް ދަތުރު ނުކުރުން ޝަރުތުކޮށް އެޓޭންކަރު ދޫކޮށްލުމަށް އިނގިރޭސި ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށްވެސް ހަންޓް ވިދާޅުވި އެވެ.
ޓޭންކަރު މިނިވަން ކުރުމުގެ ކުރިން ޖިބްރޯލްޓާގައިވާ އިނގިރޭސި އިސްތިއުމާރީ ވެރިކަމުގެ ނިޒާމުގެ ކޯޓަކުންވަނީ އީރާނުގެ ޓޭންކަރުގެ ކެޕްޓަނާއި އޭގެ ފަޅުވެރިން ގެ ހަތަރު މީހުން މިނިވަންކޮށްފަ އެވެ. އިނގިރޭސިވިލާތުގެ އިސްތިއުމާރުގެ ދަށުގައި އޮންނަ ޖިބްރޯލްޓާގެ ފުލުހުން ބުނީ އީރާނުގެ ތެޔޮ ޓޭންކަރުގެ ކެޕްޓަނާއި އޭގެ ފަޅުވެރިން ގެ ހަތަރު މީހުން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރު ކުރުމަށްފަހު ހޮނިހިރު ދުވަހު މިނިވަންކޮށްފައިވާ ކަމަށާއި މިނިވަންކުރީ ކަފާލާތުގެ ދަށުންކަމުގަ އެވެ.
ޖިބްރޯލްޓާގެ ކައިރިން ދަތުރު ކުރަނިކޮށް އިނގިރޭސި ކަނޑުގެ ސިފައިން އީރާނުގެ ތެޔޮ ޓޭންކަރު ހިފެހެއްޓީ އޭގައިވާ ތެލުގެ ޝިޕްމަންޓް ގެންދަނީ ސީރިޔާއަށް ކަމަށް ބެލެވޭތީ ކަމަށް އިނގިރޭސި ސަރުކާރުން އެންމެ ފުރަތަމަވެސް ބުނެފައިވެ އެވެ. އީރާނުގެ ޓޭންކަރު ހިފެހެއްޓީ ސީރިޔާއަށް ތެލާއި ތެލުގެ ބާވަތްތައް އެތެރެކުރުން މަނާކުރުމަށް ޔޫރަޕްގެ އިއްތިހާދުން ޔޫރަޕްގެ ގައުމުތަކަށް އަންގާފައިވާތީ ކަމަށްވެސް އިނގިރޭސި މަސްއޫލުވެރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް އީރާނުގެ ޓޭންކަރު އިނގިރޭސި ސިފައިން ހިފެހެއްޓީ އެމެރިކާ އަންގައިގެން އީރާނަށް ފިއްތުންތައް ކުރިމަތި ކުރުމުގެ ގޮތުންކަމަށް ރިޕޯޓްތައް ބުނެ އެވެ.
އީރާނުންވަނީ އެ ޓޭންކަރުގައިވަނީ ސީރިޔާއަށް ގެންދާ ތެޔޮ ނޫންކަމަށާއި އަދި އެޓޭންކަރު ޖިބްރޯލްޓާގެ ކަނޑުގެ ސަރަހައްދަށް ނުވަންނަ ކަމަށް ބުނެފަ އެވެ. އެހެންކަމުން ބައިނަލްއަގްވާމީ ކަނޑުން ޓޭންކަރު ދަތުރުކުރަނިކޮށް އިނގިރޭސިވިލާތުން ހިންގި އެ އަމަލަކީ ކަނޑު ފޭރުގެ އަމަލެއްކަމަށް އީރާނުންވަނީ ސިފަކޮށްފަ އެވެ. ޓޭންކަރު ހިފެހެއްޓުމަށްފަހު އެކަން ތަހުގީގް ކުރުމަށްޓަކައި ޖިބްރޯލްޓާގެ ކޯޓަކުންވަނީ 14 ދުވަހުގެ މުއްދަތަށް އީރާނުގެ ތެޔޮ ޓޭންކަރު ހިފެހެއްޓުމަށް ހުކުމްކޮށްފަ އެވެ. އީރާނުން ތެޔޮ ޓޭންކަރު ދޫކޮށްލުން ލަސްވާނަމަ އިނގރޭސިވިލާތާ ދެކޮޅަށް ހަރުކަށި ރައްދެއް ދޭނެކަމުގެ އިންޒާރު ދީފައިވެ އެވެ. މިއާއެކު ގަލްފުގައި ދަތުރުކުރާ އިނގިރޭސި ކަނޑުގެ އުޅަނދުފަހަރު އީރާނުން ހިފަހައްޓާނެކަމުގެ ބިރު އޮތުމުން އިނގިރޭސީންނަށްވަނީ ކޮންމެ އާގު ބޯޓެއް ނޫނީ ތެޔޮ ޓޭންކަރެއްގެ ފަހަތުގައި އަސްކަރީ މަނަވަރެއް ބާއްވަންޖެހިފަ އެވެ. މިއީ ހަރަދުގެ ގޮތުން ކުރެވޭނެ ކަމެއްނޫންކަމަށް ވަނީ ބެލެވިފަ އެވެ. (ނޫސްއެޖެންސީތައް)