ބައިސްކޯފުން ސްޓްރީމްކުރާ ވެބް ސީރީޒް "އެހެނަސް" އަންގާރަ ދުވަހު ޕްރިމިއާކުރުމަށް ހަމަޖެހިއްޖެއެވެ.

ބައިސްކޯފް އެޕްލިކޭޝަން އިން "އެހެނަސް" އަންގާރަ ދުވަހުގެ ރޭ ދައްކަން ފެށުމުގެ ކުރިން އެ ދުވަހު ހަވީރު އޮލިމްޕަހުގައި ސީރީޒްގެ ޕްރިމިއާ ހަފްލާއެއް ބާއްވަން ވަނީ ނިންމާފައެވެ.

"އެހެނަސް" ފަސް އެޕިސޯޑް އާ އެކު އޮލިމްޕަސްގެ ބޮޑު ސްކްރީނުން ފެނިގެންދާނެއެވެ. އެ ޝޯގެ ލިމިޓެޑް ސީޓްތަކަށް ޓިކެޓް ހޯދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

އެހެނަސް އަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަހުމަދު އިގްބާލް (އައިކިއު)ގެ ވާހަކަ "އެހެނަސް ހަމަ ލޯބިވެޔޭ..."އަށް ތައްޔާރުކުރާ ވެބް ސީރީޒްއެކެވެ.

ލިޔުންތެރިޔާ އައިކިއު ބުނީ އެ ވާހަކަ އެންމެ ފުރަތަމަ ލިޔަން ފެށުނީ 2009 ވަނަ އަހަރު ކަމަށާއި އެ ވާހަކަ އެންމެ ފުރަތަމަ ލިޔަން ފެށިއިރު ބިރުގަތް ކަމަށެވެ. ގިނަ މީހުންނަށް އެ ކޮންސެޕްޓް ވެގެންދިޔައީ "ފަކުރު" ވާހަކައަކަށް ކަމަށް އޭނާ ބުންޏެވެ.

"ތިން އެޕިސޯޑު ހަތަރު އެޕިސޯޑު ލިޔުނުއިރު ލިބުނު ސަޕޯޓާއި މެސެޖުތަކުގެ ސަބަބުން އަސްލު ހިތްވަރެއް ލިބުނީ ކުރިއަށްދާން،"

ރަނޑު ފިރިހެން ކުއްޖެއްގެ ހަޔާތަށް ތައްޔާރުކޮށްފައިވާ އެ ސީރީޒްގެ ލީޑް ތަރިއަކީ ވިޝާލް (ނިޔާޒް)އެވެ.

އެ ވެބް ސީރީޒްގައި ބައެއް ޓްވިސްޓައް ހިމެނުނު ނަމަވެސް ވާހަކައިގެ އަސްލު ނުގެއްލޭނޭ ކަމަށް ވާހަކަ ލިޔުންތެރިޔާ އައިކިއު ބުންޏެވެ.

އެހެނަސް އަކީ ދެ ސީޒަނަކަށް ބަހާލައިގެން ގެނެސްދޭ ސީރީޒްއެކެވެ. އެ ސީރީޒް ގެނެސްދޭނީ ބައިސްކޯފު އެޕްލިކޭޝަންއިންނެވެ.

ހުރިހާ ކާސްޓުންވެސް އެ ސީރީޒް އަށް ކުރާ އުންމީދު ބޮޑެވެ. އެ ކިޔައިދެނީ މުޖުތަމައުގައި މަދުން ނަމަވެސް ހިނގާ ކަންތައްތަކެއްގެ ވާހަކައެވެ.

"މި ސީރީޒް އަކީ ރަނޑު ފިރިހެން ކުއްޖެއްގެ ހަޔާތުގައި ދިމާވާ ކަންތައްތަކެއް ގެނެސްދޭނެ ސީރީޒްއެއް. ޖިންސީ ގޯނާއާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުއްޖެއްގެ ވާހަކަ. އޭނާ ދިރިއުޅުމެއް ފަށައިގެން ދިމާވާ ކަންތައްތައް ފެނިގެންދާނެ،" ޑައިރެކްޓަރު ރަވީ މީގެ ކުރިން ބުނެފައިވެއެވެ.