މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނާ އާދަމް ނަސީރުގެ ގެއިން ފުލުހުން ގެންގޮސްފައިވާ ފައިސާތަކެއް ހޯދުމަށް އޭނާ ކުރި ދައުވާއަށް ދައުލަތުން މިއަދު އިންކާރުކޮށް ފައިސާ އަނބުރާދިނުމަށް ދެކޮޅުހަދައިފި އެވެ.

އާދަމް ނަސީރު އަބޫބަކުރުގެ ފަރާތުން ސިވިލް ކޯޓްގައި ދައުވާކޮށްފައި ވަނީ އައްޑޫގައި ހުންނަ އޭނާގެ ގެއިން ފުލުހުން އަތުލައިގަތް 36200ރ. އާއި 86000ރ. ހޯދުމަށެވެ.

ގިނަ ދުވަސްތަކަކަށް ފަހު މިއަދު ބޭއްވި މި މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ބަޔާން ހުށަހަޅުއްވަމުން އެޓާނީ ޖެނެރަލް އޮފީހުގެ ސޮލިސިޓާ ޖެނެރަލް އިބުރާހިމް ރިއްފަތު ވިދާޅުވީ ފުލުހުން އެ ފައިސާ ހިފަހައްޓާފައި ވަނީ ފުލުހުންގެ ގާނޫނުން ލިބިގެންވާ ބާރުގެ ދަށުންކަމަށެވެ.

އަދި އޭނާގެ ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތުކުރެވި ފުލުހުން މައްސަލަ ބަލަމުންދާ ކަމަށް ވެސް ރިއްފަތު ވިދާޅުވި އެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފަށް ހުށަހެޅިފައިވުމުން އެ މައްސަލައާ މެދު އެ ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އެ ފައިސާ ދޫނުކުރެވޭނެ ކަމަށް ވެސް ރިއްފަތު ވިދާޅުވި އެވެ.

ރިއްފަތު ވިދާޅުވީ "ރިކްޓް އޮފް ޕްރޮހިބިޝަން"ގެ ނަމުގައި ސުޕްރީމް ކޯޓުން ދަށުކޯޓުތަކުގެ މައްޗަށް ކޮށްފައިވާ ހުކުމްގައި މަތީ މަރުހަލާގެ ކޯޓަކަށް އިސްތިއުނާފީ މައްސަލައެއް ހުށަހެޅި، އެ މައްސަލައާ މެދު ވަކިގޮތެއް ނިންމުމުގެކުރިން ދަށު ކޯޓުން އެ މައްސަލައާ ގުޅުން ހުރި މައްސަލައެއްގައި ގޮތެއް ނުނިންމޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީގައި މަތީ މަރުހަލާގެ ކޯޓުން އަންގާ އެންގުންތަކަށް ދަށުކޯޓުތަކުން ތަބާވާން ޖެހޭނެ ކަމަށް ބުނެފައިވާކަމަށް ވެސް ރިއްފަތު ވިދާޅުވި އެވެ.

އާދަމް ނަސީރު އަބޫބަކުރުގެ ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވީ ފުލުހުން ގެންގޮސްފައިވާ ފައިސާ ނުދީ ހިފަހައްޓާފައި ވަނީ ބަޖެޓްގެ ދަތިކަމާ ހެދި އެ ފައިސާ ސަރުކާރުން ބޭނުންކުރަން ކަމަށެވެ. އަދި ވިދާޅުވީ ފުލުހުން އެ ފައިސާތައް ނަގާފައި ވަނީ އައްޑޫގައި ހުންނަ އާދަމް ނަސީރު އަބޫބަކުރުގެ ގެއިންކަމަށްވާތީ އެ ފައިސާ އަކީ އާދަމް ނަސީރުގެ ފައިސާއެއްކަން ރަނގަޅަށް އެނގޭ ކަމަށެވެ.

ޝާހު ވިދާޅުވީ އޭނާގެ ގެއިން އެންމެ ފުރަތަމަ ފުލުހުން އަތުލައިގަތް 6 މިލިއަން ރުފިޔާ އަކީ ކުށުގެ ވެށިން ހޯދާފައިވާ ފައިސާތަކެއް ކަމަށް ބުނެ އެ ފައިސާ ދޫކުރަން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ. ނަމަވެސް މިފަހަރު މިކުރާ ދައުވާއަކީ އެފައިސާ ހޯދުމަށް ކުރާ ދައުވާއެއް ނޫން ކަމަށާއި މިފަހަރު ދައުވާ މިކުރަނީ ފުލުހުން އާދަމް ނަސީރުގެ ގެއިންނާއި އަންހެނުންގެ އަތްދަބަހުން ފަހުން އަތުލައިގަތް 36200ރ. އާއި 86000ރ. ހޯދުމަށް ކުރާ ދައުވާއެއް ކަމަށެވެ.

އަދި މިފަހަރު ހޯދުމަށް ދައުވާކުރާ ފައިސާތަކަކީ ކުށުގެ ވެށިން ހޯދާފައިވާ ފައިސާތަކެއްކަމަށް ފުލުހުންނަށް ސާބިތުކުރެވިފައި ނުވާތީ އެ ފައިސާ ފުލުހުންނަށް ނުހިފެހެއްޓޭނެ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.



މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ ޖަމީލު މޫސާ ވިދާޅުވީ މި މައްސަލައިގެ އިތުރު ދެ އަޑުއެހުމަށްފަހު ނިޔާ ކަނޑައެޅުމުގެ ޝަރީއަތް ބާއްވާނެކަމަށެވެ.