އިސްރާއީލް ސިފައިންގެ މީހަކު ކިޑްނެޕް ކުރާ ކޮންމެ މީހަކަށް 900،000 ޑޮލަރު ދެއްވާނެ ކަމަށް ސައުދީ އަރަބިއްޔާގެ ޝާހީއާއިލާގެ ބޭފުޅަކު ވިދާޅުވެއްޖެ އެވެ.

ސައުދީ އަރައްބިއްޔާގެ އަމިއްލަ ޓީވީ ޗެނަލަކާ ހަވާލާދީ ރޮއިޓާސް ބުނި ގޮތުގައި ސައުދީ އަރަބިއްޔާގެ ބިލިއަނާ ޕްރިންސް އަލް ވަލީދު ވިން ތަލާލްގެ ކޮއްކޯފުޅު ޕްރިންސް ޚާލިދު ބިން ތަލާލް ޓީވީ ޗެނަލަށް ފޯނުން ދެއްވި އިންޓަވިއު އެއްގަ އެވެ.

ޚާލިދު އެހެން ވިދާޅުވެފައި ވަނީ އިސްރާއީލް ސިފައިންގެ މީހަކު ހައްޔަރު ކުރާ ކޮންމެ މީހަކަށް 100،000 ޑޮލަރު ދެއްވާނެ ކަމަށް ވިދާޅުވެ އިލްމުވެރިއަކަށް އިސްރާއީލުން މަރުގެ އިންޒާރު ދީފައި ވާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

"ޑރ. އަވަދު އަލް ގަރުނީ ވިދާޅުވީ އެމީހުންގެ ]އިސްރާއީލް ސިފައިންގެ[ މީހަކު ހައްޔަރު ކުރާ މީހަކަށް 100،000 ޑޮލަރު ދެއްވާނެ ކަމަށް. އެކަމަކު އެމީހުން ވަނީ އޭނާ އަވަހާރަކޮށްލި މީހަކަށް އެއް މިލިޔަން ޑޮލަރު ހުށައަޅާފައި، ޑރ. އަވަދު އަށް ދަންނަވާ އަޅުގަނޑު އަނެއް 900،000 ޑޮލަރު ]އެއް މިލިޔަން ހަމަ ކުރުމަށް ބޭނުންވާ[ ދޭނަމޭ އިސްރާއީލް ސިފައިންގެ މީހަކު ހައްޔަރުކުރާ މީހަކަށް. އޭރުން އެހެން ގައިދީން ސަލާމަތް ވާނެ،" ޚާލިދު ޓީވީ ޗެނަލަށް ދެއްވި އިންޓަވިއުގައި ހާލިދު ވިދާޅުވެފައިވެ އެވެ.

ސައުދީ ރައްޔިތުންގެ މެދުގައި މަޝްހޫރު އިލްމުވެރިއެއް ކަމަށްވާ އަލް ގަރުނީ އިސްރާއީލް ސިފައިންގެ މީހަކު ހައްޔަރުކުރުމަށް 100،000 ޑޮލަރު ދެއްވާނެ ކަމަށް ވިދާޅުވެފައި ވަނީ އޭނާގެ ފޭސްބުކް ޕޭޖްގަ އެވެ.