ނ. ޅޮހީގައި ޒުވާނަކު ރޭ ދަންޖެހިގެން މަރުވެއްޖެ އެވެ. ފަޅުގެއެއްގެ ތެރޭގައި ދަންޖެހިފައި ހުއްޓާ ފެނުނީ އެ ރަށު އިބްރާހިމް ސޮބާހު 26، އެވެ.

ޅޮހީ ކައުންސިލަރެއް ކަމަށްވާ ހުސްނީ ޔޫސުފް މިއަދު ވިދާޅުވީ ސޮބާހު ދަންޖެހިފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށާއި އޭނާ ދަންޖެގިފައި ހުއްޓާ ފެނުނީ މިއަދު ހެނދުނު ކަމަށެވެ. އަދި ސޮބާހު ދަންޖެހުނު ސަބަބައެއް ނޭނގޭ ކަމަށާއި މިހާރު އޭނާގެ ކަށުކަމާކެމީގެ ކަންތައް ކުރިއަށް ގެންދާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

"ފަޅުގެއެއްގެ ތެރޭގައި ދަންޖެހިފައި ހުއްޓާ މިއަދު ހެނދުނު ފެނުނީ. ]ސޮބާހު[ ދަންޖެހުނީ ކީއްވެގެން ކަމެއް އަދި ނޭނގޭ. އާއިލާތެރޭގައި ވެސް މައްސަލައެއް އުޅޭ ކަމެއް އެނގިފައެއް ނެތް. މިހާރު އޭނަ ހިނެވުމުގެ ކަންތައްތައް ކުރިއަށް އެބެގެންދޭ،" ހުސްނީ ޔޫސުފް ވިދާޅުވި އެވެ.

ފުލުހުން ބުނީ ޅޮހީގައި ޒުވާނަކު ދަންޖެހުނު ރިޕޯޓެއް ލިބިފައިވާ ކަމަށާއި ފުލުހުން އެކަން ބަލަމުންދާ ކަމަށެވެ.