ކޮލަމްބޯ (ޖުލައި 13): ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ބައެއް މަގުތަކުގައި ކާރު ދުއްވުން މަނާކުރާ ހަރަކާތެއް ފުރަތަމަ ފަހަރަށް ބާއްވަން ނިންމައިފި އެވެ.

ކޮލަމްބޯ މުނިސިޕަލް ކައުންސިލާއި ލަންކާގައި ހުންނަ ނެދަލޭންޑްސް އެމްބަސީން ގުޅިގެން އިންތިޒާމު ކުރި އެހަރަކާތް ބާއްވަން ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 06:00 އިން މެންދުރު 12:00އަށެވެ. އެހަރަކާތަށް ޓަކައި ކާރު ދުއްވުން މަނާ ކުރަނީ ކޮލަމްބޯގެ އިންޑިޕެންޑެންސް އެވެނިއު އާއި ގްރީން ޕާތްއާ ދެމެދުގައި އޮންނަ ބައެއް މަގުތަކެވެ.

"ކާ ފްރީ ކޮލަމްބޯ" އިންތިޒާމު ކުރާ ފަރާތްތަކުން ވަނީ މާދަމާ އެމަގުތަކުގައި ހިނގާލުމަށާއި ބައިސްކަލު ދުއްވުމަށް ވީހާވެސް ގިނަ ބަޔަކު ދިޔުމަށް އެދިފަ އެވެ. އަދި ބަންދު ކުރާ ސަރަހައްދުތަކުގައި ޔޯގާ ކްލާސްތަކާއި ކަސްރަތު ކުރުން އޮންނާނެ ކަމަށް ބުނެފަ އެވެ.

ކޮލަމްބޯގައި މާދަމާ ކާރު ދުއްވުން މަނާ ކުރާ ސަރަހައްދު -- ފޮޓޯ: ކާ ފްރީ ކޮލަމްބޯ

އެހަރަކާތް އިންތިޒާމު ކުރި ފަރާތްތަކުން ބުނި ގޮތުގައި އޭގެ މަގުސަދަކީ އިންޖީނުލީ އުޅަނދުތަކަށް މީހުން ބަރޯސާވާ މިންވަރު ކުޑަ ކުރުމާއި ސިއްހަތަށް ފައިދާ ހުރި އާދަތަކަށް ހިތްވަރު ދިނުމެވެ.

މީގެ އިތުރުން އެސަރަހައްދުތަކަށް ކާރަށް ނުވަދެވުނު ނަމަވެސް އާދައިގެ މަތިން ބަސް ދަތުރުތައް އޮންނާނެ ކަމަށް ހަރަކާތް އިންތިޒާމު ކުރި ފަރާތްތަކުން ބުންޏެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ވަނީ އެހަރަކާތާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ. އެގޮތުން ލަންކާގެ މަގުމަތިން ހިނގާ އިރާއި ޕަބްލިކް ޓްރާންސްޕޯޓުން ފުރައްސަރާއާ ކުރިމަތިލާން ޖެހޭ ކަމަށާއި ކާރު ދުއްވާ މައިގަނޑު އެއް ސަބަބަކީ އެފުރައްސާރައިން ސަލާމަތްވުން ކަމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ބައެއް ފަރާތްތަކުން ބުންޏެވެ.

"ކާ ފްރީ ކޮލަމްބޯ"އަށް ތާއިދު ނުކުރާނެ ކަމަށް ބުނެ ލަންކާ ނޫހެއްގެ ޑެޕިއުޓީ އެޑިޓާ މެރިއޭން ޑޭވިޑް ކުރި ޓުވީޓެއްގައި އޭނާ ވަނީ ލަންކާގެ މަގުތަކުގައި ފުރައްސާރަ ކުރުމަކީ އާއްމު ކަމެއް ކަމަށް ބުނެފަ އެވެ. އަދި އެހެން ފަރާތްތަކުން ވަނީ މަގުމައްޗަކީ ހިނގާ މީހުންނަށް ރައްކާތެރި ތަނަކަށް ހެދުމާއި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ރަނގަޅު ކުރުމުގެ ބަދަލުގައި ކާރު ދުއްވުން މަނާ ކުރުމުގެ ބޭނުމެއް ނެތް ކަމަށް ބުނެފަ އެވެ.

ދެހާސްފަނަރަ ވަނަ އަހަރު އދ.ގެ ޕޮޕިއުލޭޝަން ފަންޑު (ޔޫއެންއެފްޕީއޭ)އިން ހެދި ސާވޭއަކުން ދެއްކި ގޮތުގައި ލަންކާގެ ރޭލުތަކާއި ބަހުން ދަތުރުކުރާ ކޮންމެ 10 އަންހެނުންގެ ތެރެއިން ނުވަ އަންހެނުންނަށް ޖިންސީ ފުރައްސާއާ ކުރިމަތިލާން ޖެހެ އެވެ.