ގާނޫނީ ވަކީލުންގެ ކަންތައްތައް ބެލެހެއްޓުމަށް އަލަށް އުފައްދާ ބާ ކައުންސިލު އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.

ޖުމްލަ 23 ފަރާތަކުން ވާދަކުރާ ބާ ކައުންސިލް އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ މާލެއާއި އައްޑޫ ސިޓީގައެވެ. މާލޭގައި ދެ ވޯޓު ފޮށްޓެއް ބަހައްޓާފައި ވާއިރު، އައްޑޫ ގައި ބަހައްޓާފައި ވަނީ އެއް ފޮށްޓެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ ރާއްޖޭގައި މަސައްކަތް ކުރާ 1،487 ވަކީލުންނަށެވެ. 1،475 ވަކީލުން މާލޭގައި ބެހެއްޓިފައިވާ ވޯޓު ފޮށިތަކަށް ވޯޓު ލާއިރު، އައްޑޫގައި ބެހެއްޓި ވޯޓު ފޮށްޓަށް ވޯޓުލާނީ 12 ވަކީލެކެވެ.

ބާ ކައުންސިލުގެ އިންތިހާބު ފެށިގެން ކުރިއަށްދަނީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ބާ ކައުންސިލު އެކުލެވިގެން ވަނީ ގާނޫނީ ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ރައީސްކަމަށާއި ނައިބު ރައީސްކަމަށް އިންތިހާބު ކުރެވޭ މީހަކާއި ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ހިންގާ ކޮމިޓީއަށް އިންތިހާބު ކުރެވޭ ހަ ވަކީލެއްގެ މައްޗަށެވެ.

ބާ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް ދެ ފަރާތަކުން، ނައިބު ރައީސް ކަމަށް ދެ ފަރާތަކުން އަދި މެންބަރުކަމަށް 19 ބޭފުޅުން ކުރިމަތިލެއްވިއެވެ. ނަމަވެސް ހިންގާ ކޮމިޓީއަށް ކުރިމަތިލެއްވި އެއް ބޭފުޅެއްގެ ޝަރުތު ހަމަނުވާކަމަށް ކަނޑައަޅައި، އޭނާގެ ކެންޑިޑަސީ އިއްޔެ ބާތިލުކުރިއެވެ.

ބާ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވަނީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާއި ގާނޫނީ ވަކީލު މައުމޫން ހަމީދެވެ. ނައިބު ރައީސް ކަމަށް ވާދަކުރައްވަނީ ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.

މިއަދު އިންތިހާބުގެ ވޯޓުލުން ނިންމައި، ވަގުތީ ނަތީޖާ ހާމަކުރާނެއެވެ. ރަސްމީ ނަތީޖާ ހާމަކުރުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.

ބާ ކައުންސިލް އިންތިހާބު ކުރިއަށް ގެންދަނީ 1.2 މިލިއަން ރުފިޔާގެ ބަޖެޓަކުންނެވެ.