30 Oct 2011, 11:23
ކޮންމެ ތަނަކު ހުރެގެން ވެސް އިންޓަނެޓްގެ ޚިދުމަތް ލިބޭ "ޓަޗްނެޓް ޕްރީޕެއިޑް"ގެ އިތުރު ތިން ޕެކޭޖެއް ދިރާގުން އިއްޔެ ތައާރަފްކޮށްފި އެވެ.
ދިރާގުން އަލަށް ތައާރަފް ކުރި އެ ޕެކޭޖްތަކަކީ 30ރ. އަށް ވިއްކާ 50 އެމްބީގެ ޕެކޭޖާއި 50ރ. އަށް ވިއްކާ 200 އެމްބީގެ ޕެކޭޖާއި 300ރ. އަށް ވިއްކާ ތިން ޖީބީގެ ޕެކޭޖެކެވެ. އަދި ދިރާގުން ކުރިން ތައާރަފްކޮށްފައިވާ ޓަޗްނެޓް ޕެކޭޖްތަކާއި އިއްޔެ ތައާރަފް ކުރި ޕެކޭޖްތަކަށް އަށް ރުފިޔާ އިން މަތީ ކޮންމެ އަދަދެއް ރިލޯޑް ކުރެވެ އެވެ. މީގެ އިތުރުން ޓަޗްނެޓް ޔޫސޭޖް ރޭޓެއް ގޮތުގައި ޗާޖް ކުރެވޭނީ އެމްބީ އަކަށް 90 ލާރީގެ ރޭޓުންނެވެ.
ދިރާގުގެ މާކެޓިން މެނޭޖަރު މުހައްމަދު މިރްޝާން ހަސަން މިއަދު ވިދާޅުވީ އަލަށް ތައާރަފް ކުރި އެ ޕެކޭޖްތަށް ތައާރަފް ކޮށްފައި ވަނީ ޓަޗްނެޓް ބޭނުން ކުރާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގައި މަގުސަދުގައި ކަމަށެވެ. އަދި ރާއްޖޭގެ އެއްމެ މަގުބޫލު މޮބައިލް ބްރޯޑްބޭންޑަކީ ދިރާގުގެ "ޓަޗްނެޓް ޕްރީޕެއިޑް" ކަމަށާއި ދިރާގުން އަބަދު ވެސް ބަލަމުން އަންނަނީ ކަސްޓަމަރުންނަށް ވީހާވެސް ލުއި ފަސޭހަ ގޮތަކަށް ހިދުމަތް ލިބިގަނެވޭނެ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ.