12 Jul 2019, 23:45
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ މަސްލަހަތު އޮންނަ ކުންފުންޏަކުން ފެނަކަ ކޯޕަރޭޝަނަށް ބޮޑު އަގުގައި ތެޔޮ ވިއްކާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ވިދާޅުވެފައިވީނަމަވެސް އެއީ ދޮގު ވާހަކައެއް ކަމަށް އަދުރޭ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ(އެސްއޯއީ ކޮމިޓީ) ގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެފައި ވަނީ އަދުރޭގެ އިތުރުން މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން ފެނަކަ ކޯޕަރޭޝަނަށް ތިން ގުނަ އަށް ވުރެ ބޮޑު އަގުގައި ތެޔޮ ވިއްކާފައިވާ ކަމަށެވެ.
ސައީދު ވިދާޅުވީ ކުރީގެ ދެމެމްބަރުންގެ ދެ ކުންފުނިން ފެނަކަ އަށް ޑީސަލް ވިއްކީ 28 ރުފިޔާ އަށް ލިޓަރެއްގެ ރޭޓުން ކަމަށާއި އެ ދެކުންފުނިން ބޮޑު އަގުގައި ތެޔޮ ވިއްކީ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން 6.58 ރުފިޔާ އަށް ގަނެގެން ކަމަށެވެ. ނަމަވެސް އޭރުގައި އެފްއެސްއެމް އިން ފެނަކަޔަށް ތެޔޮ ވިއްކާފައި ވަނީ 8.25 ރުފިޔާ އަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ތިން ގުނަ އަށް ވުރެ ވެސް ބޮޑު އަދަދެކެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން "ސަން" އިން ކުރި ސުވާލެއްގެ ޖަވާބުގައި އަދުރޭ ވިދާޅުވީ ފެނަކައިގެ އެމްޑީ ސައީދު ދެއްކެވީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ.
"އަޅުގަނޑުގެ ހިއްސާ އޮންނަ ކުންފުންޏަކުން ފެނަކައާ އެކު މުއާމަލާތެއް ކޮށްފައެއް ނޯންނާނެ. އެއީ ކަނޑައެޅިގެން އިތުރުފުޅެއް އެ ހެއްދެވީ،" ޕީޕީއެމާއި ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި މުހައްމަދު ނިމާލް ވެސް ވަނީ މިހާރުގެ އެމްޑީ ސައީދު ދެއްކެވި ވާހަކަތައް ދޮގު ކުރައްވާފައެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ އިދިކޮޅު ފަރާތްތަކާ ގުޅުވައިގެން މިހާރުގެ ސަރުކާރަށް ނިސަބަތްވާ ފަރާތްތަކުން ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށާއި އެކަން ކުރަނީ ސަރުކާރުގެ ކުންފުނިތައް ނުހިންގުމުން ޝޯއެއް ކުޅުމަށް ކަމަށެވެ.
"އެމްޑީޕީއަށް ނިސްބަތްވާ މީހަކު ވެސް ތެދެއް ހެދެން އޮތަސް ދޮގެއް ހަދާނީ. އޭރުން އެ މީހުނަށް ހިތްހަމަ ޖެހުމެއް ލިބޭނީ. އެހެންވީމަ ތިއީ އެއްވެސް ހަގީގަތެއް އޮތް ވާހަކަ އެއް ނޫން،" އަދުރޭ ވިދާޅުވި އެވެ.