ފ. އަތޮޅު ފީއަލީ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އަދި އެ ކައުންސިލްގެ އިތުރު މެންބަރަކު އެމްޑީޕީ އަށް އިއްޔެ ރޭ ސޮއިކޮށް، އެ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީ ނަގައިފި އެވެ.

ފީއަލީ ކައުންސިލްގެ ރައީސް އަހުމަދު އާދަމް މިއަދު ވިދާޅުވީ ކުރިން ވެސް އެ ބޭފުޅުންނަކީ އެމްޑީޕީގެ ފިކުރަށް ތާއިދު ކުރައްވާ ބޭފުޅުންކަމަށާއި އިންތިހާބު ކާމިޔާބު ކުރުމަށް ރަނގަޅުގޮތަކީ މިނިވަން ކެންޑިޑޭޓުން ގޮތަށް ކުރިމަތިލުމަށް ފެންނާތީވެ މިނިވަންކޮށް ކުރިމަތި ލެއްވީ ކަމަށެވެ.

އަމިއްލަ ފަސް މެންބަރުން ހިމެނޭ ފީއަލީ ކައުންސިލްގެ މެންބަރުން އެމްޑީޕީ އަށް ސޮއިކުރެއްވީ އެ އަތޮޅު ކައުންސިލުން ހުސްވެފައިވާ ބިލެތްދޫ ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ފީއަލީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

ފީއަލީ ކައުންސިލްގައި ހިމެނޭ މެމްބަރުންގެ ތެރެއިން އެމްޑީޕީ އަށް ސޮއިކުރައްވަފައި ވަނީ ކައުންސިލްގެ ރައީސް އަހުމަދު އާދަމްގެ އިތުރަށް ނައިބް ރައީސް މުހައްމަދު އާދަމާއި ކައުންސިލް މެމްބަރު މޫސާ އަހުމަދެވެ.