ހަށިވިއްކާ މީހުން ރާއްޖެ އަށް ފޮނުވަމުން ދިޔަ ސްރީލަންކާގެ ނެޓްވޯކެއް އެ ގައުމުގެ ފުލުހުން އަތުލައިގެންފި އެވެ.
ސްރީލަންކާގެ ސަންޑޭ ޓައިމްސް އިން މިއަދު ބުނި ގޮތުގައި ރާއްޖެ އަށް ހަށިވިއްކާ މީހުން ފޮނުވާ އެ ނެޓްވޯކް ހޯދައި ހަ މީހަކު ހައްޔަރު ކުރީ ސްރީލަންކާގެ ސްޕެޝަލް އިންވެސްޓިގޭޝަން ޔުނިޓްގެ ފުލުހުން އެ ގައުމުގެ ނާސިގެއެއް ފާސް ކުރުމުގެ ތެރޭގަ އެވެ.

ނާސިގެ ފާސްކުރި ފުލުހުންގެތެރެއިން އިސްކޮށް ހުރި އޮފިސަރާ ހަވާލާދީ ސަންޑޭ ޓައިމްސްގައިވާ ގޮތުގައި ފުލުހުން ވަނީ ހަށިވިއްކާ ފަސް އަންހެނުންނާއި އެ މީހުންގެ މެނޭޖަރު ހައްޔަރުކޮށްފަ އެވެ.

އޮޕަރޭޓްކުރާތާ ހަ އަހަރު ވެފައިވާ އެ ނެޓްވޯކުން ކޮންމެ މަހަކު ވެސް ރާއްޖެ އަށް ދެ ތިން ކުދިން ފޮނުވަ އެވެ. އަދި އެ ކުދިން ހަށިވިއްކާ މީހުންގެ ގޮތުގައި މާލޭގައި މަސައްކަތްކުރާ ކަމަށް ވެސް ފުލުހުންނާ ހަވާލާދީ ސަންޑޭ ޓައިމްސް ބުންޏެވެ.

"އެ އަންހެން ކުދިން ފިލައިގެން ނުގޮސް އަނބުރާ ލަންކާ އަށް ގެނައުމަށް ގިނަ ފަހަރު އެ ކުދިންނާ އެކު ފިރިހެނަކު ވެސް ދޭ" ފުލުހުންގެ އޮފިސަރު ބުނި ކަމަށް އެނޫހުގައިވެ އެވެ.

ހަށިވިއްކާ މީހުން ރާއްޖެ އަށް ފޮނުވާ އެ ނެޓްވޯކްގައި ހިމެނޭ ސްރީލަންކާ މީހުންނާއި ބޭރުގެ މީހުންގެ މައުލޫމާތު ވެސް މިހާރު ވަނީ ލަންކާ ފުލުހުން ހޯދާފައިވާ ކަމަށާއި އޭގެ ތެރޭގައި އުމުރުން 19 އަހަރުގެ އަނބި މީހާ ހަށިވިއްކުމަށް ފޮނުވި މީހަކު ވެސް ހިމެނޭ ކަމަށް ސަންޑޭ ޓައިމްސް ބުންޏެވެ.