ހަކުރު ހުންނަ ބުއިންތައް ބޭނުން ކުރުމުން ކެންސަރު ޖެހުމުގެ ނުރައްކާ އިތުރުވެދާނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ބްރިޓިޝް މެޑިކަލް ޖާނަލްގައި ޝާއިއުކޮށްފައިވާ އެ ދިރާސާ ހަދާފައި ވަނީ ފްރާންސުގެ 101،257 މީހުން ބައިވެރިކޮށްގެންނެވެ. އަދި ދިރާސާގައި ބަލާފައިވާ ބުއިންތަކުގެ ތެރޭގައި ސްޕޯޓްސް އަދި އެނާޖީ ޑްރިންކްސް ފަދަ ލުއި ބުއިންތަކާއި ހަކުރު އަޅާފައި ނުވާ 100 ޕަސެންޓު މޭވާ ޖޫސް ހިމެނެއެވެ. އެއީ އެފަދަ މޭވާ ޖޫހުގައި ގުދުރަތީ ގޮތުން ހުންނަ ހަކުރު އެކުލެވޭތީއެވެ.

ނުވަ އަހަރުވަންދެން ބައިވެރިންގެ ސިއްހަތަށް އަންނަ ބަދަލު ބެލުމަށްފަހު ހެދި އެ ދިރާސާއިން ދެއްކި ގޮތުގައި، ކޮންމެ ދުވަހަކު 100 މިލިލީޓަރުގެ ހަކުރު ހުންނަ ބުއިމެއް ބޭނުންކުރާނަމަ، އެއީ މޭވާ ޖޫސް ކަމަށްވީ ނަމަވެސް، އެ މީހަކަށް ކެންސަރު ޖެހުމުގެ ނުރައްކާ 18 ޕަސެންޓަށް އިތުރުވެއެވެ.

ނަމަވެސް އޭގެ މާނައަކީ ހަކުރު ހުންނަ ބުއިންތައް ބޭނުން ކުރުން އެއްކޮށް ހުއްޓާލުމެއް ނޫންކަމަށް ދިރާސާ ހެދި ފަރާތްތަކުން ބުންޏެވެ. އަދި ހަށިގަނޑަށް ބޭނުންވާ ހުރިހާ މާއްދާއެއް އެކުލެވޭ ބެލެންސްޑް ޑައިޓެއްގެ ބައެއްގެ ގޮތުގައި ހަކުރު ހުންނަ ބުއިންތައްވެސް ބޭނުންކުރާނަމަ އެއީ ސިއްހަތަށް ރައްކާތެރި ކަމެއްކަމަށް ދިރާސާގައި އިސްކޮށް ހުންނެވި ބޭފުޅަކު ވިދާޅުވިއެވެ.

މީގެ އިތުރުން މޭވާ ޖޫހުގައި ގުދުރަތީ ގޮތުން ހަކުރު އެކުލެވޭ ނަމަވެސް، އޭގައި ކޮންމެވެސް ވަރަކަށް ވިޓަމިންސްއާއި ފައިބާ ހިމެނޭތީ އެއީ އެހެނިހެން ލުއި ބުއިންތަކަށް ވުރެ ރަނގަޅު އެއްޗެއްކަމަށް ދިރާސާކުރި ފަރާތްތަކުން ބުންޏެވެ.

އެ ދިރާސާ ނިންމާލަމުން ވަނީ ކެންސަރުގެ ނުރައްކަލާއި ހަކުރާ ހުރި ގުޅުން އަދި އިތުރަށް ބެލުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. އަދި ހަކުރު ހުންނަ ބުއިންތައް ބޭނުންކުރާ މިންވަރު ކޮންމެ ދުވަހަކު އެއް ތައްޓަށް ވުރެ އިތުރު ނުކުރުމާއި އެ ފަދަ ބުއިންތަކުން ޓެކްސް ނެގުމާއި އިޝްތިހާރުކުރުން މަދުކުރުމަށް ލަފާ ދީފައެވެ.