ޣައްޒާ (އޮކްޓޯބަރ 30) : އިސްރާއީލުން ޣައްޒާއަށްދިން ވައިގެ ޙަމަލާތަކެއްގައި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ފިދާއީންގެ 9 މީހަކު ޝަހީދުވެއްޖެވެ. ދެފަހަރެއްގެމަތިން އިސްރާއީލުން އިއްޔެދިން ވައިގެ ޙަމަލާތަކުގައި ޝަހީދުވެފައިވަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ އިސްލާމިކް ޖިހާދު ޖަމާއަތުގެ 9 މީހެކެވެ.

އިސްރާއީލުގެ ޙަމަލާތައް އަމާޒުކޮށްފައިވަނީ ޣައްޒާގެ ދެކުނުގައިހުންނަ އިސްލާމިކް ޖިހާދު ޖަމާއަތުގެ ޢަސްކަރީ ގޮފި ކަމަށްވާ "ސަރާޔާއަލްޤުދްސް" ގެ ސައިޓަކަށެވެ. ޝަހީދުވި 9 މީހުންގެ ތެރޭގައި އިސްލާމިކް ޖިހާދު ޖަމާއަތުގެ ޢަސްކަރީ ކޮމާންޑަރެއް ކަމަށްވާ އަޙްމަދުއްޝައިޚް ޚަލީލް ހިމެނެއެވެ.

ވައިގެ ޙަމަލާތައް ދިނުމަށްފަހު އިސްރާއީލުންބުނީ އެޙަމަލާތައްދިނީ އިސްރާއީލަށް ފިދާއީ ޙަމަލާތަކެއް ދިނުމަށް ތަމްރީންތަކެއް ހަދަމުން ގެންދިޔަ ބަޔަކަށް ކަމުގައެވެ. މިދިޔަ ބުދަދުވަހުވެސް އިސްރާއީލުގެ މީހުންނޫޅޭ ސަރަޙައްދަކަށް ފިދާއީންގެ ރޮކެޓް ޙަމަލާއެއް އަރާފައިވާކަމަށާ ވައިގެ ޙަމަލާތައް ދިނީ ރައްކާތެރިކަމުގެ ގޮތުންކަމަށް އިސްރާއީލުން ބުނެއެވެ.

ނަމަވެސް އިސްރާއީލުގެ ވައިގެ ޙަމަލާތަކުގެ ރައްދުގައި އިސްލާމިކް ޖިހާދު ޖަމާއަތުގެ ފިދާއީންވަނީ އިސްރާއީލުގެ ދެރަށްކަމަށްވާ ޢަސްޤަލާން އަށާއި އަސްދޫދުގައިވާ އިސްރާއީލުގެ ޢަސްކަރީ މަރުކަޒުތަކަކަށް ސިލްސިލާ ރޮކެޓް ޙަމަލާތަކެއް ފޮނުވާލާފައެވެ. މިއިން އެއްވެސް ރޮކެޓެއް އިސްރާއީލަށް ވައްޓާލެވިފައެއް ނުވެއެވެ. އަދި މީގެތެރެއިން ބައެއް ރޮކެޓްތައް އަމާޒަށް ވާސިލްވެ އިސްރާއީލުގެ ޢަސްކަރީ މަރުކަޒުތަކަށް ބައެއް ގެއްލުންތައްލިބި އިސްރާއީލު ސިފައިންގެ އެކަކު މަރުވެ 2 މީހަކު ޒަޚަމްވެފައިވާ ކަމަށް އިސްރާއީލު ބުނެއެވެ.

މިނިވަންކަމަށް މަސައްކަތްކުރާ ފަލަސްތީނުގެފިދާއީންގެ ރޮކެޓް ޙަމަލާތަކެއް އިސްރާއީލުގެ ރަށެއްގެ އެންމެ ފުނުގައިވާ ޢަސްކަރީ މަރުކަޒަކަށް އެރުމުން އިސްރާއީލުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް އަލްޖަޒީރާ ޚަބަރުދެއެވެ. (އަލްޖަޒީރާ)