11 Jul 2019, 14:45
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ މުއްދަތު މި މަހުގެ 22ގެ ނިޔަލަށް ހަމަވާނެ ކަމަށާއި އެ ގަމާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. މި ފުރުސަތު މިމަހުގެ 18ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
މަގާމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 35 އަހަރު ފުރިފައިވާ ދިވެއްސަކަށް ވާންވާނެ ކަމަށާއި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށް ރައީސް އޮފީހުގެ އިއުލާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން މަގާމަށް ކުރިމަތިލާ ފަރާތަކީ ގާނޫނު އަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ވެގެން ނުވާނެ ކަމަށާއި ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ވެގެންނުވާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.
މީގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލާ ފަރާތަކީ ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ، ހަތް އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ މީހަކަށް ވެސް ވާންޖެހެ އެވެ.