30 Oct 2011, 01:23
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުގެ ބިލަށް ވޯޓަށް އެހިޔަކަ ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންގެ މަޖިލީސް އަނބުރާ ރައްޔިތުންނަށް" މިނަމުގައި މިރޭ ބޭއްވި ޕަބްލިކް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ނިހާނު ވިދާޅުވީ ކޮމެޓީ މަރުހަލާގައި އޮތް މަޖިލިސް މެންބަރުންގެ އިމްތިޔާޒުގެ ބިލަށް ވޯޓަށް އަހާ ދުވަހު މޭޒުމަށްޗަށް ކޮޅަށް އަރާވަޑައިގަންނަވާނެ ކަމަށެވެ.
"ޔަގީންކަމާއިއެކު މިދަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުގެ ބިލް ފާސްކުރުމަކީ އަޅުގަނޑު ތާއީދުކުރާ ކަމެއް ނޫން. އެ ބިލް ފާސްކުރަން މަޖިލީހުގެ ތަޅުމަށް ހުށަހަޅާ ދުވަހު އަޅުގަނޑު ޖަލްސާގައި އިނދެވިއްޖެނަމަ މޭޒު މައްޗަށް އަރާނަން،"ނިހާނު ވިދާޅުވިއެވެ.
މަޖިލީސް މެންބަރުންގެ އިމްތިޔާޒުގެ ބިލް ފާސްކުރުމަކީ އެއްވެސް ގޮތަކަށް ތާއީދުކުރާކަމެއް ނޫންކަމަށާއި އެ ބިލު ފާސްވިޔަ ނުދިނުމަށްޓަކައި ކުރެވެންހުރި ހުރިހާކަމެއް ކުރައްވާނެކަމަށް ވެސް ނިހާން ވިދާޅުވިއެވެ.
މަޖިލީހުގެ ކޮމެޓީ އެލަވަންސާ ދެކޮޅަށް އާންމުކޮށް ހަރަކާތްތެރިވާ މޫނުތައް އިސްކޮށް ފެނުނު ފޯރަމްގައި މަޖިލީހުގެ މެންބަރުންގެ ތެރެއިން ވާހަކަފުޅު ދެއްކެވީ ނިހާނުގެ އިތުރުން ޕީޕީއެމްގެ ތަރުޖަމާން އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފެވެ.
މާލޭ ސިޓީ ހޯލްގައި ކުރިޔަށްދިޔަ ފޯރަމްގައި މަޖިލީހުގެ މެންބަރުންގެ ކޮމެޓީ އެލަވަންސާއިމެދު ހިޔާލު ބަދަލުކޮށް މެންބަރުންނަށް ކޮމެޓީ އެލަވަންސް ދިނުމަކީ އެމީހުން ތާއީދުކުރާކަމެއް ނޫންކަމަށް ވާހަކަ ދެއްކި ގިނަ މީހުން ބުންޏެވެ.
މާލޭ ސިޓީ ހޯލްގައި ކުރިޔަށްދިޔަ ފޯރަމްގައި މަޖިލީހުގެ މެންބަރުންގެ ކޮމެޓީ އެލަވަންސާމެދު ހިޔާލު ބަދަލުކޮށް މެންބަރުންނަށް ކޮމެޓީ އެލަވަންސް ދިނުމަކީ އެމީހުން ތާއީދުކުރާ ކަމެއް ނޫން ކަމަށް ވާހަކަ ދެއްކި ގިނަ މީހުން ބުންޏެވެ.
އެ ފޯރަމްގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ ކޮމެޓީ އެލަވަންސާ ދެކޮޅަށް އޭނާ މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ކޮމެޓީ އެލަވަންސާ ދެކޮޅަށް މަސައްކަތްކުރާ މީހުން އެދުވަހު އެގަރާރަށް ތާއީދު ނުކުރެއްވީތީ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ. އަދި އެކަމަށް ތާއިދުނުކުރީ އޭނާ އަކީ އިނދިކޮޅު މެންބަރެއް ކަމަށް ވާތީ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. މަހުލޫފް ވިދާޅުވީ ކޮމެޓީ އެލަވަންސަށް އުސޫލެއްގެ ގޮތުން އޭނާ ތާއީދު ނުކުރައްވާ ކަމަށެވެ. އަދި ބޮޑެތި މުސާރަތައް ދީފައި ސަރުކާރުން ސިޔާސީ މަގާމުތައް އިތުރުކުރާއިރު އެކަމާ ދެކޮޅު ހަދާނެ ބަޔަކު ނެތުމުން ކޮމެޓީ އެލަވަންސާ ދެކޮޅަށް މަސައްކަތްކުރާ ބައެއް މީހުންގެ އިހުސާންތެރިކަމާމެދު ސުވާލުއުފެދޭ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާތައް ހުއްޓުމަކަށް އަންނާތީ އެކަމާބެހޭ ގޮތުން ވެސް ފޯރަމްގެ ބައިވެރިން ބަހުސް ކުރި އެވެ. އެގޮތުން ނިހާނު ވިދާޅުވީ މެންބަރުންގެ މެދުގައި ކިތަންމެ ބޮޑު ހިޔާލުތަފާތުވުންތަކެއް އުފެދުނު ކަމުގައިވިޔަސް ޖަލްސާތައް ކުރިއަށް ގެންދެވެން ޖެހޭނެކަމަށާއި ޖަލްސާތައް ހުއްޓުވުމަކީ އޭނާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ކަމެއް ކަމަށެވެ.
ފޯރަމުގައި ދެން ވާހަކަ ދެކެވުނީ ޖިނާއީ ކުށެއް ސާބިތުވެ ދޮޅު އަހަރަށް އަރުވާލަން ހުކުމްކޮށްފައިވާ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލް ހަމީދުގެ ގޮނޑިއާ ބެހޭ ގޮތުންނެވެ. މަހުލޫފު ވިދާޅުވީ މަޖިލީހުގެ ޖަލްސާގައި އިސްމާއީލް އަބްދުލް ހަމީދަށް ބައިވެރިވެވިގެން ނުވާނެކަމަށެވެ. އަދި ވިދާޅުވީ އިސްމާއިލް އަބްދުލް ހަމީދާއިއެކު ޖަލްސާ ބޭއްވުމަކީ ގާނޫނު އަސާސީއާ ހިލާފުކަމެއް ކަމަށެވެ.
އެ ފޯރަމްގައި ވާހަކަދެއްކި ބައެއް އާންމުން ބުނީ އިސްމާއިލް އަބްދުލް ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ އޭނާ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމަކީ މައްސަލައެއް ނޫން ކަމަށެވެ.
ނަމަވެސް މަހުލޫފް ވިދާޅުވީ އޭނާގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފް ކުރެއްވި ނަމަވެސް އޭނާ މިހާރު ހުންނެވީ ޑީޕީއާރްއެސްގެ ބެލުމުގެ ދަށުގައި ވުމުން ހުކުމް ތަންފީޒުކުރެވޭކަން އެނގޭ ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީގައިވާ ގޮތަށް ހުކުމް ތަންފީޒުކުރާ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ.