11 Jul 2019, 12:37
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އާންމުކޮށް ހުޅުވާލައިގެން ބޭއްވޭ ފުރަތަމަ އާންމު އަޑުއެހުން އިއްޔެ ބާއްވައިފިއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، 13 ޖުލައި 2014 ގައި އުފައްދަވާފައިވާ މިނިވަން މުއައްސަސާއެކެވެ.
އިއްޔެ ފުރަތަމަ އާންމު އަޑުއެހުން ބޭއްވި އިރު، މިއަދު ވެސް އާންމު އަޑުއެހުމެއް ވަނީ ބާއްވައިފައެވެ. ދެ މައްސަލައަކީވެސް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހޯދަން ބޭނުންވި މައުލޫމާތެއް އެ ކޮމިޝަނުން ނުދީ ހިފަހައްޓާފައިވާތީ ބަލާ މައްސަލައެވެ.
އިއްޔެ ކުރިއަށް ދިޔައީ އަހްމަދު އައްފާން ޝާފިއީ ކިޔާ މީހަކު، އިލެކްޝަންސް ކޮމިޝަނުން ހޯދަން ބޭނުންވި މައުލޫމާތެއް ނުދީގެން ހުށަހެޅި މައްސަލައިގެ އަޑުއެހުމެކެވެ.
އެ މައްސަލަ ހުށަހަޅައިފައި ވަނީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައި އޮއްވާ، އޭނާއަށް ނޭނގި ޕާޓީ ބަދަލުވެފައި ވާތީ އެކަމާ ގުޅޭ މައުލޫމާތު ހޯދަން އެދުމުން އެ މައުލޫމާތު އިލެކްޝަންސްއިން ނުދިނުމުން ކަމަށް އައިކޮމްއިން މައުލޫމާތު ދެއެވެ.
މިއަދު ކުރިއަށް ދިޔަ އާންމު އަޑުއެހުމަކީ އާމިނަތު އަސްފާ ޝާފިއީ ކިޔާ ފަރުދަކު، އިލެކްޝަންސްއާ ދެކޮޅަށް ހުށަހަޅައިފައިވާ މައްސަލައެކެވެ. އެއީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައި ނެތް ނަމަވެސް، އޭނާގެ އިނގިލީގެ ނިޝާން ޖަހައިގެން ޕާޓީއެއްގެ ފޯމު އިލެކްޝަންސްއަށް ހުށަހަޅައިފައިވާތީ އެ ފޯމުގެ ކޮޕީއެއް ހޯދުމަށް އެދުމުން، އިލެކްޝަންސްއިން އެ މައުލޫމާތު ފޯރުކޮށްނުދިން މައްސަލައެކެވެ.

އެ މައްސަލައިގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ މައްސަލަ ހުށަހެޅި ފަރާތަށް ޖަވާބުދާރީވާން ވަގުތު ބޭނުންވާ ކަމަށް ބުނެފައެވެ.
އެހެންކަމުން ލިޔުމުން ޖަވާބުދާރީ ވާން، އިލެކްޝަންސްއަށް އަންނަ އަންގާރަ ދުވަހާ ހަމައަށް ވަނީ ވަގުތު ދީފައެވެ.
އިއްޔެ ކުރިއަށް ދިޔަ މައްސަލައާއި މިއަދުގެ މައްސަލައިގައި އެއްގޮތް ކަންތައްތަކެއް ހުރުމުގެ ސަބަބުން، އެއް މައްސަލައިގެ ނަތީޖާގެ އަސަރު އަނެއް މައްސަލައަށް ކޮށްފާނެތީ، ދެ މައްސަލަ ވެސް ނިންމާނީ ދެ މައްސަލައިގެ ހުރިހާ އަޑުއެހުމެއް ނިމުމުން ކަމަށް އިންފޮމޭޝަން ކޮމިޝަނުގެ އޮފީހުން ބުންޏެވެ.
އިންފޮމޭޝަން ކޮމިޝަނުން ބުނީ އެ ކޮމިޝަނަށް ހުށަހެޅުނު ދެ މައްސަލަ ބެލުމަށް އިންފޮމޭޝަން ކޮމިޝަނަރުވެސް އިލެކްޝަންގައި މައުލޫމާތަށް އެދުނު ނަމަވެސް އެ މައުލޫމާތު ހިފަހައްޓާފައިވާ ކަމަށެވެ.
އެފަދަ ހާލަތެއްގައި އާންމު އަޑުއެހުމެއް ބޭއްވުމަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރަށް ލާޒިމުކުރާ ކަމެކެވެ.
ލ. މުންޑޫ ރައްޔިތުންގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ޕެޓިޝަނެއް އެ ކޮމިޝަނުން ހާމަނުކުރުމުންވެސް އާންމު އަޑުއެހުމަކަށް ދާން އިންފޮމޭޝަން ކޮމިޝަނުން މަސައްކަތްކުރިއެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު އަދި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ހާޒިރުކޮށް ވާހަކަދެއްކުމަށް ފަހު، މައްސަލަ ހުށަހެޅި ފަރާތުން އެ މައްސަލަ ދެން އިތުރަށް ކުރިއަށް ގެންދަން ބޭނުން ނޫން ކަމަށް ބުނުމުން، މައްސަލަ ވަނީ ނިންމާލައިފައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަމުގައި މިނިވަން މުއައްސަސާއެއް އުފެއްދިތާ ފަސް އަހަރު ވާން ކައިރިވެފައި ވަނިކޮށް އެ އޮފީހުގެ ފުރަތަމަ އާންމު އަޑުއެހުން އިއްޔެ ބޭއްވި އިރު، މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރުގެ ދައުރު ޖުލައި 22 ވަނަ ދުވަހަށް ހަމަވާނެއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން މި ހަފްތާގައި ވަނީ އިއުލާނުކޮށްފައެވެ.