ދިމިޝްޤު (އޮކްޓޯބަރ 29) : ސޫރިޔާގައި އިއްޔެއާއި މިއަދު ހިނގި ކުރިމަތިލުންތަކުގައި 60 މީހަކު މަރުވެ ސަތޭކައަށްވުރެ ގިނަމީހުން ޒަޚަމްވެއްޖެވެ. މީގެތެރެއިން 43 މީހުން މަރުވީ ސަރުކާރާ ދެކޮޅަށް ރައްޔިތުންކުރި މުޒާހަރާތަކަށް ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުންނެވެ. އަނެއް 17 މީހުންނަކީ ސިފައިންގެ 17 މީހުންނެވެ. އެ 17 މީހުން މަރުވީ ސިފައިންގެ ތެރެއިން ވަކިވެގަނެގެންއުޅޭ ނުކިޔަމަންތެރިބަޔަކާއި ސިފައިންގެ ބަޔަކާދެމެދު ހިނގި ކުރިމަތިލުންތަކެއް ގައެވެ.
ސޫރިޔާ ސަރުކާރާ އިދިކޮޅު އެކްޓިވިސްޓުން ބުނިގޮތުގައި ސަރުކާރާ ދެކޮޅަށް ރައްޔިތުންކުރާ މުޒާހަރާތަކަށް ސަލާމަތީ ބާރުތަކުން ބަޑިޖަހައި މީހުން މަރަމުންގެންދާތާ އެތަށް މަހެއް ވެފައިވާތީ ސިފައިންގެ ބައެއް މީހުންގެންދަނީ ސަރުކާރުގެ އަމުރަށް ނުކިޔަމަންތެރިވެ ރައްޔިތުންނަށް ޙަމަލާދިނުމަށް ދެކޮޅު ހަދަމުންނެވެ.

ސިފައިންގެ ތެރެއިން ވަކިވެގަނެގެންއުޅޭ ނުކިޔަމަންތެރި މީހުންނަކީ ރައްޔިތުންނަށް ޙަމަލާދިނުމަށް ދެކޮޅުހަދާ ފަރާތްތައް ކަމަށާއި މިފަރާތްތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށްވެސް އެކްޓިވިސްޓުން ބުނެއެވެ. ސޫރިޔާގައި އިއްޔެއާއި މިއަދު ހިނގި ކުރިމަތިލުންތަކުގައި މަރުވި 43 މީހުންގެ ތެރޭގައި، ޙިމްސް އިން 22 މީހަކާއި ޙަމާ އިން 16 މީހަކާއި ދިރްޢާ އިން 3 މީހެއްގެ އިތުރުން ލާޛިޤިއްޔާއާއި އިދްލިބް މިއިން ކޮންމެ ރަށަކުން 2 މީހުން ހިމެނެއެވެ.

ސޫރިޔާ ސަރުކާރާ ދެކޮޅަށް މުޒާހަރާ ރައްޔިތުން މައިތިރިކުރުމަށްޓަކައި ބާރުގެ ބޭނުންކުރުމުގެ ސަބަބުން ވޭތުވެދިޔަ 7 މަސްދުވަހުގެ ތެރޭގައި 3200 އެއްހާމީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިމައްސަލާގައި ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދްގެ ސަރުކާރަށްވަނީ ބައިނަލްއަޤްވާމީ ނުރުހުމާއި ފާޑުކިޔުންތައް އަމާޒުވެފައެވެ. -- އަލްޖަޒީރާ