ސާކް ސަމިޓާއި ދިމާކޮށް ކޮކަޑިލައި ބޮން ގޮއްވަން ރާވާފައިވާ ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ ވަގުތީ ޗެއާ ޕާސަން ރީކޯ މޫސަ ދެއްކެވި ވާހަކަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ދިނުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން ސަރުކާރަށް ގޮވާލައިފި އެވެ.

ޕީޕީއެމުން މިއަދު ހަވީރު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ތަރުޖަމާނު އަހުމަދު މަހުލޫފް ވިދާޅުވީ ސާކް ސަމިޓާ ދިމާކޮށް އެފަދަ ސީރިއަސް ވާހަކަތަކެއް ވެރިކަން ކުރާ އެމްޑީޕީގެ ވެރިން، ކުޅިވަރަކަށް ހައްދަވައިގެން ދައްކަވާނެކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެކަން ސާކްގެ ސެކްރެޓޭރިއަޓްގެ ސަމާލުކަމަށް ވެސް ގެންނާނެ ކަމަށެވެ.

އަދި އެ މައުލޫމާތުތައް ސާކް ސަމިޓަށް ވަޑައިގަންނަވާ ވެރިންނާއި ހަމައަށް ފޯރުކޮށްދޭނެ ކަމަށާއި، އެފަދަ ވާހަކަތަކެއް އަދި މިހާތަނަށް ސާކްގެ ސެކްރެޓޭރިއަޓާއި ހަމައަށް ލިބިފައި ނެތްކަމަށް ސެކްރެޓޭރިއެޓުން ބުނެފައިވާ ކަމަށް ވެސް މަހުލޫފު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އިދިކޮޅުގައި މިހާރު ތިބި ފަރާތްތަކަކީ މޫސަ ތުހުމަތު ކުރައްވާފަދަ އެއްވެސް ކަމެއް ދުވަހަކު ވެސް ކޮށްފައިވާ ބައެއް ނޫން ކަމަށެވެ. ނަމަވެސް ސަރުކާރުގެ އިސް ވެރިންގެ ގޮތުގައި ތިއްބެވި ފަރާތްތަކަކީ ކުރިން ރާއްޖޭގައި ބޭއްވި ސާކް ސަމިޓެއްގައި ބޮން ގޮއްވަން މަސައްކަތްކުރި ފަރާތްތަކެއް ކަމަށެވެ.

"އެމްޑީޕީއަކީ ޓެރަރިސްޓުންގެ ޕާޓީއެއް މި ގައުމަށް ޓެރެރިޒަމް ގެނައީ އެ ޕާޓީން، ތިނެއް ނޮވެމްބަރާއި ރައީސް ނަޝީދާ ގުޅުން އެބަހުރި، ކެރަފާ ނަސީމް [ފޮރިން މިނިސްޓަރު] އަކީ ބޭރުން ކުލީ ސިފައިން ގެނެސް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ހުކުމެއް އިއްވާފައިވާ ބޭފުޅެއް. އަދި ކުރިން ވެސް ސާކް ސަމިޓެއްގައި ބޮން ގޮއްވުމަށް އުޅުނީ މި ސަރުކާގެ މިހާރުގެ އިސްވެރިންނަށް ތިއްބެވި ބައެއް ބޭފުޅުން،" މަހުލޫފް ވިދާޅުވިއެވެ.

Ahmed Mahuloof (mp3)

ސާކް ސަމިޓަށް ވަޑައިގެންނަވާ ބޭފުޅުންނަށް އެއްވެސް ކަހަލަ ނުރައްކަލެއް ރާއްޖޭގައި ނެތްކަމަށް އެމްއެންޑީއެފުން ބުނެފައިވާއިރު ރީކޯ މޫސާމަނިކުފަދަ އެމްޑީޕީގެ އިސް ބޭފުޅަކު އެފަދަ ވާހަކަތަކެއް ދެއްކެވުމުން ކަންބޮޑުވާ ކަމަށް ވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަގުތީ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވީ ސާކް ސަމިޓާ ދިމާކޮށް ކޮކަޑިލައި ރާއްޖޭގައި ބޮން ގޮއްވަން ރާވާފައިވާކަން އޭނާ އަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. މޫސައަށް އެކަން އެނގިވަޑައިގަންނަވާކަން އެކަން ކުރަން އުޅުނު ފަރާތްތަކަށް އެނގޭނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.