10 Jul 2019, 19:52
ރައްޔިތުންނާ ގުޅުން ހުރި ކަންކަން ނިންމުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދާ 'ޖަޒީރާ ހޮޅުއަށި' ގެ ތިން ވަން ބައްދަލުވުން ހުކުރު ދުވަހަށް ތާވަލު ކޮށްފި އެވެ.
އެންމެ ފަހުން ޖަޒީރާ ހޮޅުއަށީގެ ބައްދަލުވުމުގެ ބާއްވައިފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހު އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވާ ޖަޒީރާ ހޮޅުއަށީގެ ތިން ވަނަ ބައްދަލުވުމުން ބާއްވަން ހަމަޖެހިފައި އޮތީ ގދ. ތިނަދޫގަ އެވެ.
ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އެ ބައްދަލުވުމުގައި ރައްޔިތުންގެ ހިޔާލު ހޯދަން ހަމަޖެހިފައި ވަނީ މަސްވެރިކަމުން ނަފާ އިތުރު ކުރުމާ ގުޅޭގޮތުން ކަމަށެވެ. މަސް ކަނޑުތަކުގެ ނަފާ ދިވެހި މަސްވެރިންނަށް ފުރިހަމަ ގޮތުގައި ހޯދާ ދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުން ވަނީ މަސްވެރިންނަށް ވިއްކާ ޑީސަލުން ޑިއުޓީ ކަނޑާލައި ހެޔޮއަގުގައި މަސްވެރިންނަށް ތެޔޮ ދޫކުރަން ފަށައިފަ އެވެ.