ރާއްޖޭގައި ބާއްވާ 17 ވަނަ ސާކް ސަމިޓާ ގުޅުވައިގެން ފުވައްމުލަކުގައި ހެދި ކްރިކެޓް ދަނޑު މާދަމާ ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ކްރިކެޑް ބޯޑް އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

ފުވައްމުލަކުގައި ހެދި ކްރިކެޓް ދަނޑު މާދަމާ ހުޅުވާ އިރު، މި ދަނޑު މާދަމާ ވަރަށް ހާއްސަ ކްރިކެޓް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މާދަމާގެ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ޕްރެސިޑެންޓް 11 އާއި، ކްރިކެޓް ބޯޑް 11 ކަމަށް ކްރިކެޑް ބޯޑް އޮފް މޯލްޑިވްސް އިން ބުނެ އެވެ.

މާދަމާ ކުޅުމަށް ހަމަޖެހިފައިވާ 20 އޯވަރުގެ ޚާއްޞަ މި މެޗުގައި ބައްދަލުކުރާ ދެ ޓީމުގައި މިހާރުގެ ބައެއް ކުޅުންތެރިން ހިމެނުނު ނަމަވެސް މައިގަނޑު ގޮތެއްގައި ހިމެނޭނީ ރާއްޖޭގެ ކްރިކެޓްގައި ފާހަގަކޮށްލެވޭ ކުރީގެ މަޝްހޫރު ކުޅުންތެރިން ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ފައިސަލް ވިދާޅުވި އެވެ.

މާދަމާ ހެނދުނު 10.30ގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާ ޕްރެސިޑެންޓް 11 ޓީމުގެ ކެޕްޓަނީ ކުރީގެ މަޝްހޫރު ކުޅުންތެރިއެއް ކަމުގައިވާ ޗަންޕާ ހުސައިން އަފީފު އެވެ. ކްރިކެޓް ބޯޑް 11 ގެ ކެޕްޓަނަކީ ރައީސް މުޙައްމަދު ނަޝީދުގެ ބައްޕާފުޅު ކެނެރީ އަބުދުއް ސައްތާރެވެ.

ދެ ޓީމުގައި ހިމެނޭ ކުޅުންތެރިން ވެސް ފުވައްމުލަކަށް އައްނާނީ މާދަމާ ހެނދުނުގެ ވަގުތެއްގަ އެވެ.

ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ޓްވެންޓީ، ޓްވެންޓީ ކަޕް 2011 ފެށުމަށް މިހާރު ހަމަޖެހިފައި ވަނީ އައްނަ އަންގާރަ ދުވަހު އެވެ.

މިމުބާރާތުގައި ސާކްގެ ހަތް ޤައުމަކުން ބައިވެރިވެފައި ވާކަމަށް ކްރިކެޓް ބޯޑުން މައުލޫމާތު ދެއެވެ.