ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހުޅުދޫގައި އިމާރާތް ކޮށްފައިވާ ފްލެޓުތަކަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ލިސްޓް އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހުޅުދޫގައި މާރާތްކޮށްފައިވާ 48 ފްލެޓްގެ ތެރެއިން، ހުޅުދޫ އާއި މީދޫ އަވަށުގެ ރައްޔިތުންނަށް ހާއްސަކުރެވުނު 23 ފްލެޓަށް އެދި 32 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

އަދި ހުޅުދޫ/މީދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކުރެވުނު 15 ފްލެޓަށް އެދި ފޯމު ހުށަހަޅާފައި ވަނީ ދެ ފަރާތަކުން ކަމަށެވެ.

ފްލެޓުތަކަށް ކުރިމަތިލީ މީހުންނަށް ދެވުނު ޕޮއިންޓް އެނގޭ ގޮތަށް ލިސްޓު އާންމުކޮށްފައި ވާއިރު، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ފްލެޓުތައް ލިބޭ ފަރާތްތަކުގެ ލިސްޓް އިއުލާން ކުރެވޭނީ، ލިބޭ ޝަކުވާތަކާއި ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މައުލޫމާތާއި ގުޅިގެން، ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހު ކަމަށެވެ.

ހައުސިންގް މިނިސްޓްރީ އިން ބުނެފައި ވަނީ ފްލެޓުލިބޭ ފަރާތްތަކުން އެޑްވާންސްގެ ގޮތުގައި ދައްކަންޖެހެނީ 25،000 ރުފިޔާ އެވެ. އަދި ކޮންމެ މަހަކު ކުލީގެ ގޮތުގައި ދައްކަންޖެހެނީ 3،000 ރުފިޔާ އެވެ.

ޗައިނާގެ ނެޝަނަލް މެޝިނަރީ އެންޑް އިކުއިޕްމެންޓް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން އިމާރާތްކުރި ފްލެޓުތަކަށް ކުރިމަތިލުމަށް ފުރަތަމަ ހުޅުވާލީ 2016 ވަނަ އަހަރު އެވެ. ނަމަވެސް އެކަށީގެންވާ އަދަދަކަށް ފޯމު ހުށަހަޅައިފައި ނުވެއެވެ.