10 Jul 2019, 16:27
ގާނޫނު އެކުލަވާ ލުމގެ މަރުހަލާގައި އެ ގާނޫނަށްލަފާ އެރުވުމަކީ ވަކި ވަކި ފަނޑިޔާރުންނަށް އަދި އުއްތަމަ ފަނޑިޔާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މެމްބަރުން ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ލަފާ ހުށަހެޅުއްވީ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޖުޑިޝަލް ސާވިސް ކޮމިޝަނަށް އިސްލާހު ހުށަހެޅުމުގެ ބިލަށެވެ. އުއްތަމަ ފަނޑިޔާރުގެ ސިޓީފުޅުގައި އެދިލެއްވީ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރެޝަން ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ދަށަށް ބަދަލުނުކުރުމަށެވެ.
އެ ސިޓީއާ ގުޅިގެން މިއަދުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ އުއްތަމަ ފަނޑިޔާރު ހުށަހެޅުއްވި ސިޓީފުޅަކީ އެމަނިކުފާނުގެ ހިޔާފުޅެއް ކަމަށެވެ. އެއީ ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ހުށަހެޅި ބިލު ބައްޓަންވެގެން ދާން ޖެހޭނެ ގޮތާ މެދު ހުށަހަޅާފައިވާ ހިޔާލުފުޅެއް ކަމަށް ހިސާން ވިދާޅުވިއެވެ.
"ގާނޫނުއަސާސީގައި އުއްތަމަ ފަނޑިޔާރުގެ ދައުރާއި ސުޕްރީމް ކޯޓުގެ ދައުރާއި ކޯޓުތަކުގެ ދައުރާ ވަރަށް ސާފު. އިންތަކެއް މި އޮންނަނީ ކަނޑައަޅާފައި. ގާނޫނު ހެދުމުގެ ބާރު މި އޮންނަނީ ރައްޔިތުންގެ މަޖިލީހަށް،" ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ގާނޫނެއް އެކުލަވާލުމާއި ފާސްކުރުމުގެ މަރުހަލާގައި އެ ބިލު އެކުލަވާލެވިގެން އަންނަނީ ރަނގަޅަށްތޯ ނޫންތޯ ސުޕްރީމް ކޯޓަށް ލަފާ ނޭރުވޭނެ ކަމަށެވެ.
"އަދި މި މަރުހަލާ ނިމި ގާނޫނަކަށް މި ބިލު ވެގެން ދިއުމުންވެސް. ސުޕްރީމް ކޯޓުގެ ދައުރު މިއޮންނަނީ ވަރަށް ހަނިކޮށް ގާނޫނުއަސާސީގައި. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކާ ގުޅިގެން ބަޔާންކޮށްފައި. އެއީ ގާނޫނުން ބައެއް ނުވަތަ ގާނޫނުގެ މާއްދާއެއް ގާނޫނުއަސާސީއާ ހިލާފުވޭތޯ." ހިސާން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރަމުންދާ ބިލުތަކަށް ކޯޓުތަކުގައި ތިއްބަވައިގެން ހިޔާލު ދެއްވީމަ ހިތާމަކުރައްވާ ކަމަށް ހިސާން ވިދާޅުވިއެވެ. އަދި ވިދާޅުވީ ފަނޑިޔާރުންގެ ޖަމިއްޔާއަށް ހިޔާލު ދެއްވިދާނެ ކަމަށާއި އެކަމަކު ވަކި ވަކި ފަނޑިޔާރުންނަށް ނުދެއްވޭނެ ކަމަށެވެ.
ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ އުއްތަމަ ފަނޑިޔާރު މަޖިލީހުން ހަދާ ބިލުތަކަށް ހިޔާލު ހުށަހެޅުއްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ސުޕްރީމް ކޯޓަށް ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންތައްތައް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވާ ކަމަށެވެ.
ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ވަކިގޮތަކަށް ސުޕްރީމް ކޯޓުގެ އަދި އުއްތަމަ ފަނޑިޔާރުގެ މެންޑޭޓް ބަޔާންކޮށްފައި ވަނިކޮށް މަޖިލީހުން އެކުލަވާލަމުންދާ ގާނޫނަކަށް ހިޔާލު ހުށަހެޅުއްވުމުން އުއްތަމަފަނޑިޔާރުގެ ފެންވަރާ މެދު ސުވާލު އުފެދޭ ކަމަށް ސިރާޖު ވިދާޅުވި އެވެ.
"ގާނޫނުއަސާސީގައި ބަޔާން އެބަ ކުރޭ މަރުހަލާތަކެއް ކަންތައްތައް ކުރުމަށް އޮންނަ. ގާނޫނު ހެދުމުގެ ބާރަކީ މި މަޖިލީހަށް ލިބިގެންވާ ބާރެއް. ގާނޫނު ހަދަންވީ ގޮތެއް ކަނޑައަޅުއްވާނީ މި މަޖިލީހުގެ އަޣުލަބިއްޔަތުން އެކަން ކުރަން އޮންނަ ގޮތަށް." ސިރާޖު ވިދާޅުވިއެވެ.
ސިރާޖު ވިދާޅުވީ ސުޕްރީމް ކޯޓުގައި ތިބެންވާނީ ގާނޫނުއަސާސީގައި ބުނާ އެއްޗެއް އެނގޭ ފަނޑިޔާރުން ކަމަށެވެ.