ރާއްޖޭގައި ކޯމަސް ފެންގަނޑެއް ގާއިމުކޮށް، ތަރައްގީ ކުރުމުގެ މަޝްރޫއަށް މާލެ އަތޮޅު ފަޅެއް 21 އަހަރަށް ކުއްޔަށްދޭން ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

މާލެ އަތޮޅު އުތުރުގައި ތިލަފުއްޓާއި ބަރޮހާ ދެމެދުގައި އޮންނަ އެ ފަޅުގައި ކޯމަސް ފެންގަނޑެއް ތަރައްގީކޮށް ކުރިއަށް ގެންދަން ވަޒީރުންގެ މަޖިލީހުން ހަވާލުކުރަން ނިންމާފައި ވަނީ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މއ. މަނަސް، އާމިރު މަންސޫރާ އެވެ.

ނަމަވެސް އެ ފަޅު ކުއްޔަށް ދިނުމަށް ކަނޑައަޅާފައިވާ ކުއްޔަކީ ކޮބައިކަމެއް ބުނެފައެއް ނުވެ އެވެ.

މިދިޔަ ހޯމަ ދުވަހުގައި ނެރުނު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިރުކޮށްފައިވާ ގޮތުން ޑޮލްފިން ލެގޫނެއް ގާއިމްކޮށް ތަރައްގީކޮށް ހިންގުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ވަޒީރުން މަޖިލީހަށް ހުށަހެޅުމުން އެ މަޖލީހުގެ މެމްބަރުން މަޝްވަރާ ކުރުމަށް ފަހު ކޯމަސް ފެންގަނޑަކާއި ޓްރޭނިން ސެންޓަރެއް ގާއިމްކޮށް ތަރައްގީ ކުރުމަށް ތިލަފުއްޓާއި ބަރޮހާ ދެމެދު އޮންނަ ފަޅު ދޫކުރާ ގޮތަށް ނިންމެވީ އެވެ.

އަދި އެ ފަޅު ތަރައްގީ ކުރަން ނިންމާފައި ވަނީ ނޭޝަނަލް ޕްލޭނިން ކައުންސިލުން ނިންމާފައިވާ ގޮތުގެ މަތިން ކަމަށާއި އެގޮތަށް ނިންމާފައިވަނީ ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި މަސައްކަތްތައް ކުރަން ހުށަހަޅާ ހުށަހެޅުންތަކަށް އަމަލުކުރާނެ އުސޫލުގައިވާ ގޮތުގެ މަތިން ކަމަށް ވެސް ގެޒެޓްގައި ބުނެފައިވެ އެވެ.