ގައުމީ ޔުނިވާސިޓީން މަތީ ތަޢުލީމު އުނގެނުމަށް ހުރި ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގްސަދުގައި "ވަން ސްޓޮޕް އެޑްމިޝަން" ގެ ނަމުގައި ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ން 6:00 އަދި ރޭގަނޑު 8:00 އިން 10:00 އަށް ގައުމީ ޔުނިވާސިޓީގެ މަރުކަޒީ އިދާރާގެ ގޯތިތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި އޭލެވެލް، އޯލެވެލް އަދި އެހެން ތައުލީމީ ނަތީޖާތަކަށް ބަލައި، ޤައުމީ ޔުނިވާސިޓީން މަތީ ތައުލީމު ހާސިލުކުރުމަށް ހުޅުވާލެވިފައިވާ ފުރުސަތުތަކުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

އަދި އޮގަސްޓު މަހު ޔުނިވާސިޓިން ފަށާ ކޯސްތަކުގެ ތެރެއިން ޖާގަހުރި ކޯސްތަކަށް އެޕްލިކޭޝަން ފޯމް ބަލައިގަނެ، ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ޖާގަ ކަށަވަރުކޮށްދިނުމުގެ މަސައްކަތްވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދެވޭނެއެވެ.

އޭގެ އިތުރުން އެޕްލިކޭޝަން ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ސެޓްފިކެޓްތައް އެޓެސްޓުކުރުމަށް ބޭނުންވާ ފަރާތްތަކަށް، ސެޓްފިކެޓްތައް އެޓެސްޓު ކޮށްދިނުމުގެ ހިދުމަތްވެސް އެ ހަރަކާތުގެ ތެރޭގައި ފޯރުކޮށްދެވޭނެއެވެ.

ވަން ސްޓޮޕް އެޑްމިޝަންގެ ހަރަކާތްތައް މި މި ޔުނިވާސިޓީގެ އަތޮޅުތަކުގެ ކެމްޕަސްތަކުގައިވެސް ހިނގަމުންދާނެއެވެ. އެގޮތުން ޔުނިވާސިޓީގެ ގަމު ކެމްޕަހާއި ތިނަދޫ ކެމްޕަހުގައި، 13 ޖުލައިވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ޔުނިވާސިޓީގެ ކޯސްތަކުގެ މައުލޫމާތު ފޯރުކޮށްދީ، އެޕްލިކޭޝަން ބަލައިގަނެ، ޖާގަ ކަށަވަރުކޮށްދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެއެވެ.

ގައުމީ ޔުނިވާސިޓީގެ މިއަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހުގެ 4 ވަނަ ދުވަހުއެވެ. ޔުނިވާސިޓީގެ ކޯސްތަކަށް މުޅިން އަލަށް ހޮވިފައިވާ ފަރާތްތަކުގެ އޮރިއެންޓޭޝަން ޕްރޮގްރާމުތައް ފެށޭނީ 28 ޖުލައި 2019 ވާ އާދިއްތަ ދުވަހުއެވެ.

ޔުނިވަރސިޓީގެ އެކި ކޯސްތަކުގައި 7،000 އަށްވުރެ ގިނަ ދަރިވަރުން މިހާރު ތައުލީމު ހާސިލުކުރަމުން ގެންދެއެވެ.